ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނިމިދިޔަ އޯގަސްޓު މަހުގެ ފައިދާ 45 މިލިއަން ރުފިޔާއަށް އަރާކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އެކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ކޮންމެ މަހަކު 35 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށާއި ނިމިދިޔަ އޯގަސްޓުމަހު 45 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެވްރެޖްގޮތެއްގައި ހިފެހެއްޓުމަށް މިމަސައްކަތް ކުރަނީ 40 މިލިއަން ރުފިޔާގައި. ނަމަވެސް މިހާރު އެވެރެޖް ގޮތެއްގައި ހިފެހެއްޓިފައި އެބަހުރި 45 މިލިއަންގައި،" އާޒިމް ވިދާޅުވީއެވެ.

އާޒިމް ވިދާޅުވީ އެކުންފުނި ފައިދާގައި ހިފަހައްޓަމުންދާއިރު އެއްވެސް މުދަލަކުން އަގުބޮޑުކޮށްފައި ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ބައެއް މުދަލުން އަގުހެޔޮކޮށްފައިވާނެ ކަމަށެވެ. އަގުހެޔޮ ކުރި މުދަލުގެ ތެރޭގައި ކެއިންބުއިމުގެ ބާވަތްތަކާއި ކޮންސްޓުުރަކްޝަން މެޓީރިއަލް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން މިހާރު އެންމެ ބާރަށް ކުރެވެމުންދާ މަސައްކަތަކީ މީހުންދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސްފިހާރަ ހެދުމުގެ މަސައްކަތް ކަމަށާއި އޭގެ ތެރެއިން 11 ބޭސްފިހާރަ މިމަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ. އަދި ބޮޑެތި ރަށްރަށުގައި އިތުރު ބޮޑެތި ފާމަސީތަކެއް ހެދުމަށް ކޮންޓެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެސްޓީއޯއިން މާލޭގައި އަލަށް އިމާރާތްކުރާ ޝޮޕިން މާކެޓުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އެތަނަކީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާ ޝޮޕިން މާކެޓެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެސްޓީއޯ ހުޅުމާލެ ހޮޓަލުގެ މަސައްކަތްވެސް ރާވާފައިވާގޮތުގެ މަތިން ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.