22 Sep 2014, 15:40
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުންގެ މައްޗަށް ސުމޯޓޯ މައްސަލައެއް ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެ ކޯޓުން އެގޮތަށް ނިންމާފައި ވަނީ މިއަދު އެ ކޮމިޝަންގެ މެމްބަރުން އެ ކޯޓަށް ހާޒިރުކުރުމަށް ފަހުގަ އެވެ. ސުމޯޓޯ މައްސަލަތަކަކީ ސުޕްރީމް ކޯޓަށް ފެނިގެން އެކޯޓުން ބަލާ މައްސަލަތަކެވެ.
އެޗްއާރުސީއެމްގެ ރައީސާ މަރިޔަމް އަޒުރާ މިއަދު ސަން އަށް ވިދާޅުވީ އެޗްއާރުސީއެމްގެ މެމްބަރުންގެ މައްޗަށް ސުމޯޓޯ މައްސަލައެއް ބެލުމަށް ނިންމައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެ ކޮމިޝަންގެ މެމްބަރުންނަށް އަންގާފައިވާ ކަމަށެވެ. އަދި މެމްބަރުންނަށް ވަކިވަކިން ޗިޓް ހަވާލުކޮށްފައިވާ ކަމަށާއި އަންނަ ބުދަ ދުވަހަށް އެ މައްސަލަ ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމިޝަންގެ މެމްބަރުން ހާޒިރުކުރީ އެ ރިޕޯޓްގެ މައްސަލާގައި ޗިޓް ހަވާލުކުރުމަށް. އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ނުދެކެވޭ ކޯޓުގައެއް،" އަޒުރާ ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ މެމްބަރުންގެ ސުމޯޓޯ މައްސަލައެެއް ސުޕްރީމް ކޯޓުން ބެލުމަށް ނިންމާފައި ވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު(ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައިވުމާ ގުޅިގެންނެވެ. އަދި އޭގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށް ނިންމައި މީގެ ކުރިން ވެސް އެ ކޯޓުން ވަނީ އެފަދަ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒުގެ މައްޗަށް ހިންގައިފަ އެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ވަނީ އެ މެމްބަރުންގެ މަގާމް ގެއްލިފައިވާ ކަމަށް ނިންމައި، ހަ މަހަަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރުން ވަނީ ފަސްކޮށްފަ އެވެ.