ތެލެސީމިއާ ކުދިންނަށް މާލޭ ހެލްތު ކޯޕަރޭޝަނުން ދޭންޖެހޭ އަސާސީ ހިދުމަތްތައް ފުރިހަމައަށް ނުދެވުމުގެ ސަބަބުން، ތެލެސީމިއާ ކުދިންނަށްގެ ފަރުވާއަށް ހުރަސްއެޅި، އެ ކުދިންގެ ސިއްހީ ހާލަތާމެދު ތެލަސީމިއާ ސޮސައިޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަންސަވީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން އަބްދުލް މުއިޒް ހަސަން މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި 563 ތެލެސީމިއާ ކުދިންނަށް މާލޭ ހެލްތު ކޯޕަރޭޝަނުން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދޭތެރެދޭތެރެއިން މެދުކެނޑިގެންދާތީ ތެލަސީމިއާ ކުދިންގެ ސިއްހީ ހާލަތާމެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.
"މިހާރުވެސް ތެލެސީމިއާ ސެންޓަރުން ހެލްތު ކޯޕަރޭޝަންގައި އެދިފައި އެބަހުރި މެޑިކަލް ސާމާނުތަކެއް ބޭނުންވާ ކަމަށް. ޑެސްޕަރޯލް ބޭނުންކުރާ ކަށި ނެތިގެން މިހާރުވެސް އެތައް ދުވަހެއް ވެއްޖެ އެދިފައިވާތާ. ކަށި ލިބުނަސް ލިބެނީ 50 ހަކަށް ހަށި. ކިހިނެއްތޯ މާލޭގައި ތިބި 500 އަށް ވުރެ ގިނަ ތެލެސީމިއާ ކުދިންނަށް އެ ކަށިތަކުން ފުއްދޭނީ. އަދި އެ ކަށިތަކަކީ ކޮންމެ ރެއަކު ބޭނުން ކުރުމަށްފަހު އެއްލައިލާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
މުއިޒު ވިދާޅުވީ އެއީ ހަމައެކަނި މާލޭގެ ހާލަތު ކަމަށާއި އަތޮޅު ތެރޭގައި ތިބި ތެލަސީމިއާ ކުދިންގެ ހާލަތު އެއަށްވުރެ މާދެރަވާނެ ކަމަށެވެ. އަތޮޅުތަކުގެ ކުދިންނަށްވެސް ހިދުމަތްތައް ނުލިބިގެން ބެލެނެވެރިންވެސް ޝަކުވާ ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މުއިޒް އިތުރަށް ވިދާޅުވީ މައްސަލައަށް ހައްލު ހޯދަން ވޭތުވެދި ނުވަ މަސްދުވަހު ސަރުކާރާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި މިހާތަނަށް ވެސް އަލި މަގެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިމައްސަލައިގައި ޒިންމާ ނަގާނެ ފަރާތެއް މިހާރު ނެތިފައިވާ ކަމަށެވެ.

ތެލެސީމިއާ ސޮސައިޓީގެ ވައިސް ޗެއާމަން ޖީހާން ސަލީމް ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ދޭންޖެހޭ ފަރުވާތައް ދޭތެރެ ދޭތެރެއިން ހުއްޓިގެން ދާތީ ކުދިންނަށް ތަފާތު 'ސައިޑްއިފެކްޓް'ތައް ކުރިމަތިވަމުންދާ ކަމަށެވެ.
ޖީހާން ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ދެމުން އަންނަ އަސާސީ ހިދުމަތްތަކުގެ ޝަކުވާ ބޮޑުވެފައިވާއިރު، މާލޭގައި ތިބި ތެލެސީމިއާ ކުދިން ފަރުވާ ހޯދާ ތެލެސީމިއާ ސެންޓްރުގެ ހާލަތު ބޮއްސުންލާފައިވާ ކަމަށެވެ. އެ ސެންޓަރުގެ ފާހާނާތައް ހަލާކުވެފައިވުމާއި ޑަސްބިންތައް ސާފު ނުކުރުމާއި އިމާރާތުގެ ބާވެ ވޯޑްތަކަށް ވާރޭވެހޭ މައްސަލަ އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މާލޭ ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޒުބައިރު މުހައްމަދު މިއަދު ވިދާޅުވީ އެ ޝަކުވާތައް އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރެއިން މެޑިކަލް ސާމާނުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ޒުބޭރު ވިދާޅެއް ނުވެ އެވެ.

ތެލެސީމިއާ ސޮސައިޓީން ބުނީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ތަސްތީގު ނުކުރައްވާ ރައީސުލް ޖުމްހޫރިއްއާ އެ ބިލް އިސްލާހު ކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ސޮސައިޓީން ކަންބޮޑުވާ ކަމަށެވެ.