ހުޅުމާލޭގައި އެޗްޑީސީ އިން ދެމުން އަންނަ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ބެލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑުގެ ޗެއާމަން ސުހައިލް އަހްމަދު މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމުގައި އެންމެ ރަނގަޅީ އެޗްޑީސީން މިހާރު ވެސް ހިދުމަތް ދެމުން އަންނަ ގޮތަށް ކުރިއަށް ގެންދިއުންތޯ ނުވަތަ ބަޔަކާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރުންތޯ ބެލުމަށް އެޗްޑީސީގެ ބޯޑު މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ހިދުމަތް ހުއްޓާލަން އަދި ނުނިންމާ ކަމާށާއި އެކަމާ މެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ބޯޑަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމާއި ކުނި ނައްތާލުމާއި މިފަދަ މުނިސިޕަލް ހިދުމަތްތައް މާލެ އާއި ހިލާފަށް ހުޅުމާލޭގައި ދެމުން މިގެންދަނީ އެޗްޑީސީން. ކުރިއަށް އޮތް ތަނުގައި ވެސް އެގޮތްތޯ އެންމެ ރަނގަޅީ ނުވަތަ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީމަތޯ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީ ބެލުމުގެ މަޝްވަރާތަކެއް ކުރެވެމުން މިދަނީ،" ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުމުގެ މައްސަލާގައި ކުރިން ވެސް ސިޓީ ކައުންސިލާ އެޗްޑީސީއާ ދެމެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދި އެކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާތައް ކޮށްފަ އެވެ.