22 Sep 2014, 14:56
ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަގުޗާޓެއް އެކުލަވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި ޓީޗާސް އެސޯސިއޭޝަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޓީޗާސް އެސޯސިއޭޝަނުން ހުށަހެޅި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މަގުޗާޓު އެކުލަވާލާފައި ވަނީ ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ [މަގުޗާޓު] އެކުލަވާލެވުނީ ދެ ފަފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވި ވާހަކަދެކެވިގެން ހަމަ ޓޭމަށް އަޅުގަނޑުމެން ޔަގީންކަން އަރުވަން ހުރި މައްސަލަތައް ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދާއިމީގޮތެއްގައި ރަނގަޅަށް މަސައްކަތްކޮށް މައްސަލަތައް ހައްލުކުރެވެން ދެން މިގޮތަށް ކުރިއަށް ގެންދާނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޓީޗާސް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި މައްސަލަތަކަކީ އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ގޮތުގައި ވަރަށް މުހިންމު މައްސަލައެއް. ޓީޗަރުންގެ ހުރި ވަރަށް މުހިއްމު ކަންބޮޑުވުންތަކެއް. އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން، ޓޭމް [ޓީޗާސް އެސޯސިއޭޝަން] ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންތައްތަކެއް ވަރަށް ސީރިއަސްކޮށް އަޑުއަހައިފިން. އެ ކަންބޮޑުވުންތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހަމަ ސިސްޓަމްގެ ތެރޭގައި ހުރި ކަންބޮޑުވުންތަކެއް. އެ ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މިވަނީ މަސައްކަތް ފަށާފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލް ހަކީމް ވިދާޅުވީ މިހާހިސާބަށް އެ މައްސަލަ ދިޔައީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ޓީޗަރުންގެ ކަންތައްތަކަށް ފުރަގަސް ދިނުމުން ކަމަށެވެ.

"މާދަމާ އަޅުގަނޑުމެންގެ ޖީލަށް ބަލާއިރު. މާދަމާ އަޅުގަނޑުމެންގެ މުސްތަގުބަލަށް ބަލާއިރު އަޅުގަނޑުމެންގެ ޖީލަށް އަސަރުކުރާނެ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑުމެން މިދެއްކީ. އެއިން އެއްވެސް އަޑެއް ނޭއްސެވި. އެއިން އެއްވެސް ކަމަކާ މަޝްވަރާ ކުރައްވާކަށް ބޭނުންވެވަޑައެއް ނުގެންނެވި އެހެންވީމަ އެ ހާލަތުގައި އަޅުގަނޑުމެންނަށް މި ސްޓޭންޑު ނަގަން މަޖުބޫރުވީ،" އާތިފް ވިދާޅުވި އެވެ.
ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ޕްލެޓުފޯމެއް މިހާރު އެކުލަވާލެވިފައިވާ ކަމަށާއި އެ ޕްލެޓުފޯމްގައިވާ ގައިޑުލައިން ފުރިހަމަވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޓީޗަރުންނަށް ހެޔޮގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާތިފް ވިދާޅުވި އެވެ.
ޓީޗާސް އެސޯސިއޭޝަންގެ ނައިބު ރައީސް އަބްދުﷲ ރާޒު ވިދާޅުވީ އެ އެސޯސިއޭޝަންގެ ހުރިހާ ނިންމުންތަކެއް ވެސް ބުނާވެފައި އޮންނަނީ ޓީޗަރުންގެ އަތްމަތީގައި ކަމަށާއި ހަޅުތާލުކުރަން އެ އެ ސޯސިއޭޝަނުން ނިންމީ ޓީޗަރުން އެގޮތަށް އެދުމުން ކަމަށެވެ.

"ޓީޗަރުންގެ ނިންމުމަށް ބަދަލު އަންނާނީ ޓީޗަރުން އެގޮތަށް ނިންމީމަ. އިރާދަކުރެއްވިޔާ މިރޭ އަޅުގަނޑުމެން ޓީޗަރުންނާ އެކު ބައްދަލުކުރާން. އެ ބައްދަލުވުމުގައި ޓީޗަރުން އަނެއްކާވެސް ނިންމާނީ ކިހިނެތްތޯ ނިންމާނީ. އެ ނިންމާ ނިންމުން ޓީޗާސް އެސޯސިއޭޝަނުން ތަންފީޒު ކުރާނެ،" ރާޒު ވިދާޅުވި އެވެ.