22 Sep 2014, 14:16
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ފަސް މެމްބަރުން ސުޕުރީމް ކޯޓަށް ހާޒިރުކޮށްފި އެވެ.
އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް އެ ކޮމިޝަންގެ ފަސް މެމްބަރުން މިއަދު މެންދުރު 1:30 އަށް އެ ކޯޓަށް ހާޒިރުވެފައިވާ ކަމަށާއި އެބޭފުޅުން ހާޒިރުވެވަޑައިގެންނެވީ އެ ކޯޓުގައި ބޭއްވި ބައްދަލުވުމަކަށް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގެ ބޭނުމަކީ ކޮބައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރީ ކީއްވެންކަން މެމްބަރުން މީޑިއާތަކަށް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންމެ ފުރަތަމަ އެ ކޮމިޝަންގެ މެމްބަރުންނަށް ޗިޓް ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ ރަށުގައި ނޫޅުއްވާތީ އާއި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަބްދުލްކަރީމް ޗުއްޓީއެއްގައި ހުންނެވުމުގެ ސަބަބުން އެ ދުވަހު ވަނީ ހާޒިރުކުރެވޭ ގޮތް ނުވެފަ އެވެ.
އެޗްއާރުސީއެމްގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައި މިވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު(ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.