22 Sep 2014, 13:51
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުގައްޔޫމް، ސްރީލަންކާ އަށާއި ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާ އަށް މިކުރެއްވި ދަތުރުފުޅަކީ، އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް އޭޝިޔަން ޕޮލިޓިކަލް ޕާޓީސް (އައިސީއޭޕީޕީ)ގެ 8 ވަނަ އާންމު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި، ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އައިސީއޭޕީޕީ ބައްދަލުވުމުގެ ހަވާސާގައި ސްރީލަންކާގެ މިނިސްޓަރު އޮފް ހެލްތާ އެކު ބޭއްވެވި ބައްދަލުވުންތަކުން ރާއްޖޭގައި އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުން ލިބުމުގެ ދަތިކަން ހައްލުކުރެއްވުމަށް، ހޭނައްތާ ޑޮކްޓަރުންނާއި އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ހޯދުމުގައި ސްރީލަންކާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ހެލްތު މިނިސްޓަރު ރައީސަށް ދެއްވި ކަމަށެވެ. އަދި ސްރީލަންކާގެ އިތުރު ހޮސްޕިޓަލްތަކުން ދިވެހިންނަށް މިހާރަށް ވުރެ ފުޅާކޮށް "އާސަންދަ"ގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުންނާއި ސްރީލަންކާގެ ހޮސްޕިޓަލްތަކުން ޚިދުމަތްހޯދާ ދިވެހިންނަށް ޚާއްޞަ އަގުތަކެއް ކަނޑައެޅުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.