އދ. އާންމު މަޖިލީހުގައި ބައިވެރިވެވަޑައި ގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހެނދުނު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ކުރީގެ ރައީސް ވަހީދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އދ.ގެ ޖެނެރަލް އެސެމްބުލީގައި ރާއްޖެ އިން ބައިވެރިވާ ވަފުދުގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ނިއުުޔޯކަށް ފުރާވަޑައިގެންނަވާ ކަމަށެވެ.



ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ މި މަހުގެ 30 ގައި އދ.ގެ ޖެނެރަލް އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާފްޕުޅުން ކުރީގެ ރައީސް ޑރ. ވަހީދު ތަގުރީރުކުރައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ތަގުރީރުގައި ރާއްޖޭގެ މަސްލަހަތު ހުރި ކަންކަމުގެ މައްޗަށް ވާހަކަ ދައްކަވާނެ ކަމަށާއި އެގޮތުން ރައީސް ޔާމީންގެ ވިސްނުންފުޅު އެކަންކަމުގައި ހުރި ގޮތުގެ މައްޗަށް ވާހަކަ ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައި ނުގެންނެވުނީ މި މަހުގެ ފަހުކޮޅު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެނކަނބަލުން ފުރާވަޑައި ގަތުމަށް ހަަމަޖެހިފައި ވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް ވަހީދު ވަޑައިގެންނަވާ އިރު އަރިހުގައި އަނބިކަނބަލުން ‏‏އިލްހާމް ‏‏‏ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގަންނަަވަ އެވެ.