22 Sep 2014, 12:30
އުރީދޫގެ ހިދުމަތްތައް ގިނަ ހިސާބުތަކަކުން ދިނުމަށް ޓަކައި އުރީދޫގެ ބިޒްނަސް ޕާޓްނަރަކަށް ރީފްސައިޑް ހަމަޖައްސައިފި އެވެ.
އުރީދޫގެ ބިޒްނަސް ޕާޓްނާއެއްގެ ގޮތުން ހަމަޖައްސާފައި ވަނީ ރީފުސައިޑް އިމޭޖިން ޝޯ ރޫމް ފިހާރަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީނިއާ ސެޕެޝިއަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ ރީފުސައިޑް އެ ފިހާރަ އިން އުރީދޫގެ ހުރިހާ ހިދުމަތެއް ވެސް ދެވިގެންދާނެ ކަމަށެވެ.
"ރީފްސައިޑް އިމޭޖިން ޝޯރޫމް އިން އުރީދޫގެ ހުރިހާ ހިދުމަތްތަކެއް ލިބޭނެ، އޭގެ ތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަނެކްޝަންސް އާއި ޑޭޓާ ކަނެއްކްޝަންސް ބިލަށް ފައިސާ ނެގުން އަދި ސިމް ބަދަލުކޮށްދިނުން ވެސް ހިމެނޭ،" މަރިޔަމް ވިދާޅުވި އެވެ.
އުރީދޫގެ މަގުސަދަކީ ކަސްޓަމަރުންނަށް ފަސޭހައިން ގިނަ ހިސާބްތަކުން ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވެސް މަރިޔަމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރީފްސައިޑްގެ މާކެޓިން އެގްޒެކްޓިވް މުހައްމަދު އަހްސަން ވިދާޅުވީ މިއީ އެކުންފުންޏަށް ވެސް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އުރީދޫގެ 24 ޕާޓްނާ ފިހާރައެއް މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހިނގަމުންނެވެ.