22 Sep 2014, 11:39
އިއްޔެއިން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްދާ ބޯހިމެނުމުގެ މަސައްކަތުގެ ޓެލްކޮމް ޕާޓަނަރަކަށް ދިރާގު ހަމަ ޖައްސައިފި އެވެ.
ބޯހިމެނުމުގެ މަސައްކަތްތަކުގެ މުއާސަލާތީ ބައިވެރިއަކަށް ދިރާގު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާ އެކު ދިރާގުން ވަނީ މިއަދު ސޮއިކޮށްފަ އެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ދިރާގުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިންގް ޑިރެކްޓަރު އަހްމަދު މައުމޫނެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޒުހައިރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ މުއާސަލަތީ ޚިދުމަތްދޭން ވަކި ފަރާތެއް ހަމަޖައްސާފައި ވަނީ ކުއްލި ގޮތަކަށް ބޭނުންވާ މުވާއަސަލާތީ ޚިދުމަތް ހޯދުމަށް ފަސޭހަވާނެތީ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ތަންކޮޅެއް ފަސޭހައިން ހިދުމަތް ހޯދަން. ޕްރޮސީޖާކުރިއަށްދާ ގޮތުން ދިގުލައިގެން ވެސް ހިނގައިދާނެ. ބައެއް ފަހަރު ބޭނުން ވަނީ ކުއްލި ކުއްލި އަކަށް ހިދުމަތް. ކިތަންމެ ވަރަކަށް ރޭވިއަސް ބައެއް ފަހަރު އެބައާދޭ ވަގުތުން ވަގުތައް ވެސް ހިދުމަތް ބޭނުންވާ ވަގުތު. އެހެންވީމާ މި ކަހަލަ ގޮތަކަށް އެއް ހަފަތާގެ ޕާޓްނާޝިޕެއް ވިއަސް އަޅުގަނޑުމެނަށް ވަރަށް ފަސޭހަ،" ޒުހައިރު ވިދާޅުވި އެވެ.
ދިރާގުގެ މާކެޓިން ޑިރެކްޓަރު މައުމޫން ވިދާޅުވީ އެ ކުންފުންޏަކީ މުއާސަލަތީ ހުރިހާ ޚިދުމަތެއް ދެވޭ ހަމަ އެކަނި ކުންފުނި ކަމަށާއި ބޯހިމެނުމުގައި މުއާސަލާތީ ކަންކަން ހަމަޖެއްސުމުގެ ފުރުސަތު އެ ކުންފުންޏަށް ދިންކަމަށް ޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
"ދިރާގަކީ ހުރިހާ ވައްތަރެއްގެ، އެއީ ފެކްޓެލެފޯން ކަމުގައި ވިއަސް މޯބައިލް ޓެލެފޯނުވިއަސް އަދި އިންޓަނެޓްގެ ޚިދުމަތް ކަމަށް ވިއަސް ހުރިހާ ޚިދުމަތެއް އެއްފަހަރާ ދެވޭ ހަމަ އެކަނި ކުންފުނި. މިއަހަރުގެ ބޯހިމެނުމުގެ ކަންކަން ހަމަ ޖެއްސުމުގައި މުއާސަލަތީ ކަންކަން ހަމަޖެއްސުމަށް ދިން ކަމަށްޓަކައި ފިނޭސް މިނިސްޓްރީ އަށް ޝުކުރު ދަންވަން،"
ދިރާގާ އެކު މިއަދު ސޮއިކުރި އެއްބަސްވުން ދެމިއޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.