މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި ކުރިއަށް ގެންދާ ބޯހިމެނުމުގައި އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ނަމަވެސް ރަޖިސްޓްރީ ނުކޮށް ހުންނަ ބައެއް ގޭގެ ފަރާތްތަކުން މައުލޫމާތު ދިނުމަށް ފަސްޖެހޭ ކަމަށް ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓުން ބުނެފި އެވެ.

ބޯހިމެނުމުގެ މައުލޫމާތު މީޑިޔާތަކާ ހިއްސާކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ފިނޭސް މިނިސްޓަރު މުހައްދު ޒުހައިރު ވިދާޅުވީ ގޭގެ ރަޖިސްޓްރީ ނުކޮށްގެން މައުލޫމާތު ނުދިންކަން ދެ ދިމާލަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް ފާހަގަ ކުރެވުން އެންމެ މައްސަލައެއް މި ވަނީ، އެއީ ގޭގެ ރަޖިސްޓްރީ ނުކޮށްގެން ދެ ދިމާލަކުން. ތިމަންނައަށް މި ގެ ރަޖިސްޓްރީ ނުކޮށްދެއޭ އެހެންވީމާ މައުލޫމާތު ދޭކަށް ބޭނުމެއް ނޫނޭ. ގެ ރަޖިސްޓްރީ ކުރުމަކީ އަޅުގަނޑުމެންގެ މަސައްކަތެއްނޫން. ގެރަޖިސްޓްރީ ނުކުރެވޭ ސަބަބުތަކެއް ވެސް އެބަހުރި ކަންނޭނގެ،"

އޭގެ އިތުރުން ބޯހިމެނުމަށް ގޭގެއަށްދާ އިރު އެ ގެއެއްގެ މީހުންނާ ދިމާ ނުވުމުގެ މައްސަލަ ހީނުކުރާ ވަރަށް މާލެގައި ދިމާވެފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ. ނަމަވެސް ގޭގައި މީހުން ނޫޅޭ ނަމަ ގުޅާލުމަށް އެދި އެ ގެއަކަށް ސުލިޕް ކޮޅުތައް އަޅަމުންދާ ކަމަށް އޭނާ ފަހަގަ ކުރެއްވެވި އެވެ. އަދި ސްލިޕް ކޮޅެއް އޮތުމުން ބައެއް މީހުން ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް އެއީ ދިމާވާން ފަސޭހަ ގޮތެއް ހޯދުމަށް ދޭ ސްލިޕްކޮޅެއް ކަމަށް ނޭޝަނަލް ޕްލޭނިން މިއަދު ވަނީ ބުނެފަ އެވެ.

ޒުހައިރު ވިދާޅުވީ އަދަބުދީގެން ބިރުދައްކައިގެން މައުލޫމާތު ހޯދުމަކީ އެ ފަރާތުގެ ބޭނުމެއް ނޫން ކަމަށާއި ބޯހިމެނުމުގެ މައުލޫމާތަކީ ބިރުދައްކައިގެން "ގަދަކަމުން" ހޯދޭން މައުލޫމާތެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމަކީ އަދަބު ދީގެން ބިރުދައްކައިގެން މައުލޫމާތު ހޯދުމެއްނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ބަލަން މީހުންގެ ތަރުހީބު ދީގެން ކޯޕަރޭޓްވެގެން މައުލޫމާތު ހޯދުން. އެއްވެސް ހާލަތެއްގައި އަޅުގަނޑު ނުދެކެން މި ކަހަލަ މަސައްކަތަކީ ބިރުދައްކައިގެން، ބާރު ދައްކައިގެން ކުރެވޭނެ ކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު ދިނުމުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި އާންމުންގެ އެއްބާރުލުން ދިނުމަށް ވަނީ އެދިފަ އެވެ.

"މިއީ ގައުމީ މަސައްކަތެއް. މި ގައުމީ މަސައްކަތަކަށްވާ އިރު ގައުމުގެ ކޮންމެ ފަރުދަކީ ވެސް މި މަސައްކަތުގެ ބައިވެރިއެއް،"

މި މަހުގެ 20 އިން 27 އަށް ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ ބޯހިމެނުމުގައި ޓޫރިސްޓުން ފިޔަވައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާ ހޯދުމަށް ވަނީ ނިންމައިފަ އެވެ.