22 Sep 2014, 10:35
ނިޔުޔޯކް (ސެޕްޓެމްބަރ 22) : އީރާނާއި ސައޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރުން ނިޔުޔޯކްގައި ބައްދަލުކުރައްވައިފި އެވެ.
ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް އާއި އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ބައްދަލުކުރެއްވީ އދ.ގެ މައި މަރުކަޒުގައި މިހާރު ކުރިޔަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ 69 ވަނަ ބައްދަލުވުމުގެ އަރިމަތީގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުންތައް ރަނގަނޅު ކުރުމާބެހޭ ގޮތުންނާއި އިރާގާއި ސޫރިޔާގެ މައްސަލަތަކާ ބެހޭ ގޮތުން ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނުގައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ މިއީ ބިނާކުރަނިވި އަދި ކާމިޔާބު ބައްދަލުވުމެއް ކަމުގަ އެވެ. ސައޫދީ ޚާރިޖީ ވަޒީރު ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފަ އެވެ. މިގޮތުން މިއީ އިރާނާއި ސައޫދީ އަރަބިޔާގެ ގުޅުންތަކުގެ އައު ސަފްޙާ އެއްގެ ފެށުން ކަމަށް ދެބޭފުޅުން ވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.
އީރާނާއި ސައޫދީ އަރަބިޔާއަކީ އިސްލާމީ ދުނިޔޭގެ ކަންތައްތަކާއި މެދުއިރުމަތީގެ ކަންތައްތަކަށް ބާރާއި ނުފޫޒު ފޯރުވުމުގައި ވަރަށް ވާދަވެރި ދެގައުމެވެ. ދެ ގައުމުގެ ގުޅުންތައް ކެނޑިގެން ގޮސްފައިނުވި ނަމަވެސް މިގުޅުންތައް މިހާތަނަށް ގޮސްފައި ވަނީ ވަރަށް ހަލަބޮލިކޮށެވެ. ނިޔުޔޯކްގައި ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާންތަކުގައި ދެގައުމުގެ ޚާރިޖީވަޒީރުން ވެސް ވިދާޅުވީ ފާއިތުވި ތަނުގައި ހެދިފައިވާ ގޯސްތަކުން އިބްރަތް ޙާސިލްކޮށްގެން ކުރިޔަށް ދިޔުމަށް ދެ ގައުމަށް ވެސް މިއީ ރަނގަނޅު ފުރްސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިފުރްސަތުގެ ބޭނުން ދެގައުމުން ވެސް ކުރާނެ ކަމުގަ އެވެ.
މީގެ އިތުރުން އިސްލާމީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ދެގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް އާއި އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވި އެވެ. ނަމަވެސް މާބޮޑު ތަފްސީލަކަށް ދެބޭފުޅުން ވެސް ވަޑައިގެންފައެއް ނުވެ އެވެ. (ރޮއިޓާސް)