22 Sep 2014, 09:24
ދިމިޝްގު (ސެޕްޓެމްބަރ 22) : އިރާގާއި ސޫރިޔާގެ ބޮޑު ސަރަހައްދެއް ހިފައިގެން އުޅޭ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތާ ދެކޮޅަށް ވައިގެ މަގުން ޙަމަލާތައް ދިނުމަށް އެތައް ގައުމެއް ތައްޔާރަށް އޮތްކަމަށް އދ.ގައި ހުންނަވާ އެމެރިކާގެ ދާއީމީ މަންދޫބު ސަމަންތާ ޕަވަރ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސީބީއެސް ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ސަމަންތާ ވިދާޅުވީ އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާ ކޯލިޝަންގައި ހިމެނޭ ދައުލަތްތަކުން އެ ޖަމާއަތާ ދެކޮޅަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުންނާ އަދި ސިޔާސީ ގޮތުން ތެދުވާނެ ކަމަށާއި މިކަމުގައި އެމެރިކާ އެކަހެރިނުވާނެ ކަމުގަ އެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް ވައިގެ މަގުން ޙަމަލާތައް ދިނުމުގައި ހަރަކާތްތެރިވާނެ ގައުމުތަކުގެ ނަންތައް ހާމަކުރެއްވުމަށް ސަމަންތާ ދެކޮޅު ހެއްދެވި އެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާ އެކުލަވާލާ އިއްތިޙާދުގައި ހިމެނޭ ގައުމެއް ކަމަށްވާ ފަރަންސޭސިވިލާތުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިރާގުގައިވާ އައިއެސްގެ ބައެއް މަރުކަޒުތަކަށް ވައިގެ ޙަމަލާތަކެއް ދީފަ އެވެ. ނަމަވެސް ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ހަމަލާދޭނެކަން ފަރަންސޭސިވިލާތުން ހާމަކޮށްފައެއް ނުވެ އެވެ. އައިއެސްގެ ހަނގުރާމަވެރިން ސޫރިޔާގެ ކުރުދިސްތާނުގެ 61 ވިލެޖް ހިފުމަށް ފަހު އެސަރަހައްދުގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އައިނުލްއަރަބް ވެސް ހިސާރުކޮށް އެރަށް ހިފުމަށް މިހާރު ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދާ ކަމަށް ޚަބަރު ލިބެ އެވެ.
އަލްޖަޒީރާ ޚަބަރުދޭ ގޮތުގައި ޢައިނުލްއަރަބް ސިޓީ، ވަށާލައި އެރަށް ޙިސާރު ކުރުމަށް އައިއެސްގެ ހަނގުރާމަވެރިންނަށް ފަސޭހަވެގެން ދިޔައީ އެ ރަށުގެ ކައިރީގައިވާ ކުރުދީންގެ 61 ވިލެޖް މިދިޔަ ހަފްތާގައި އައިއެސްގެ ބާރުގެ ދަށަށް ދިޔުމާއެކު އެވިލެޖްތަކުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ތުރުކީއަށް ދިޔުމާ އަދި އައިއެސްގެ ހަނގުރާމަވެރިންނާ ކުރިމަތިލާންތިބި ކުރުދީންގެ ހަތިޔާރުއެޅި ބައެއް މިލީޝިޔާތައް ވެސް އެސަރަހައްދުން ފިލުމާ ގުޅިގެންނެވެ.
އައިއެސް ޖަމާއަތުން ސޫރިޔާގެ ކުރުދިސްތާނުގެ 61 ވިލެޖް ހިފުމާ ގުޅިގެން އެވިލެޖްތަކުގެ އާންމުންނާ ދެކޮޅަށް އައިއެސްގެ ހަނގުރާމަވެރިން ހިންގަފާނެ ގަތްލުއާންމު ތަކަކަށް ބިރުން އެއަވަށްތަކުގެ 60 ހާހަށް ވުރެ ގިނަ ކުރުދީ ރައްޔިތުން ސަރަހައްދީ ރޮނގު ހުރަސްކޮށް ތިން ދުވަހުގެ ތެރޭގައި ތުރުކީވިލާތަށް ރެފިއުޖީންގެ ގޮތުގައި ހިޖްރަކޮށްފައިވެ އެވެ.
އައިނުލްއަރަބް، އައިއެސްގެ ކޮންޓްރޯލްގެ ދަށަށް ގޮސްފި ނަމަ ސޫރިޔާގެ ކުރުދިސްތާނުގެ ބޮޑުބައެއް އޮންނާނީ އައިއެސް ޖަމާއަތުގެ އަތްދަށުގައި ކަމަށާ މިފަދަ ޙާލަތެއްގައި ސޫރިޔާގެ އުތުރުގައި އައިއެސްގެ ބާރު ވަރަށް ގަދަވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. އައިއެސް އިން ޢިރާގުގެ އުތުރާއި ހުޅަނގުގެ ތިން ގަވަނޭޓެއް ހިފުމުންވެސް އިރާގުގެ ފަސް ލައްކައެއްހާ މީހުން ވަނީ މަގުމަތިވެ ރެފިއުޖީންގެ ގޮތުގައި އިރާގުގެ އެކި ސަރަހައްދުތަކަށް ހިޖްރަކޮށްފަ އެވެ. (އަލްޖަޒީރާ)