20 Jan 2011, 17:18
ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަކޮށް ކަސްޓަމްސްއާއެކު މުއާމަލާތްކުރެވޭނެ އޮންލައިން ކަސްޓަމްސް ޕޯޓަލް އެއް އިފްތިތާހުކޮށްފި އެވެ.
ކަސްޓަމްސް ބިލްޑިންގުގައި އެ ހިދުމަތް މިއަދު އިފްތިތާހު ކޮށްދެއްވީ ލިންޓެކް އިންވެސްޓް މަންޓުގެ މެނޭޖިން ޑިރެކްޓާ އަބްދުލް ﷲ މާޖިދު (ލެކިއުޓް މާޖިދު) އެވެ.
މި ހަފުލާގައި މާޖިދު ވިދާޅުވީ ކަސްޓަމްސް ޕޯޓަލްގެ ސަބަބުން ކަސްޓަމްސްއިން ލިބެމުން އަންނަ ހިދުމަތްތައް އަވަސްވެ ފަސޭހަ ވެގެން އަންނާތީ ކަސްޓަމްސްގެ ތަރައްގީއަށް އެއީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑަށް ފާހަގަ ކުރެވޭ މިހާރުވެސް ކަސްޓަމްސްއިން ހިދުމަތް ހޯދާ މީހުންގެ ފީޑްބެކް ނަގާކަން. އެކަމަކުވެސް މިހާރަށްވުރެ ވެސް ބޮޑަށް ފީޑްބެކް ހޯދަންވީ. އަޅުގަނޑު އުންމީދު ކުރަން މިއަދު މި ތައާރަފްކުރެވޭ ހިދުމަތުންވެސް ކަސްޓަމަރުންގެ ފީޑްބެކް ލިބޭނެ ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމަށް،" މާޖިދް ވިދާޅުވި އެވެ.
ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އަގު ފާސްކުރުމަށްލައި އިންވޮއިސްގެ ސްޓޭޓަސް ބެލުމާއި ޑިކްލަރޭޝަން ފޯމާއި ފޯމުގެ ސްޓޭޓަސް އާއި އަގުތަކުގެ ވެލުއޭޝަން ބެލުންފަދަ ހިދުމްތަ ހޯދޭނެ އެވެ.
މީގެ އިތުރުން ޕްރީޕޭމަންޓް އެކައުންޓުގެ ސްޓޭޓުމަންޓު ބެލުމާއި އިންޕޯޓް ލައިސަންސްގެ ބާކީ ބެލުމާއި ކަސްޓްމްސްގެ ފޯމް ސްކީމްގެ ހިދުމަތް ވެސް ކަސްޓްމް ޕޯޓަލް އިން ލިބޭނެ އެވެ.
ކަސްޓްމްސްގެ ހިދުމަތް ހޯދަމުން އަންނަ ގިނަ ވިޔަފާރިވެރިން ވެސް ބައިވެރިވި ހަފުލާގައި ކަސްޓަމްސް ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްވާން ދެއްކެވި ވާހަކަފުޅުގައި ކަސްޓްމްސްގެ ޕޯޓަލްއަކީ މިއަހަރުގެ ސްޓްރެޖެޑިކް ޕްލޭންގައި ހިމެނޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެ ހިދުމަތުގެ ސަބަބުން މުދާ ކުލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ އެތައް ގޮތަކުން މިހާރަށްވުރެ ކަސްޓްމްސްގެ ހިދުމަތްތަކުގެ ޓްރާންސްޕޭރަންޓްކަން އިތުރުވެގެން ދާނޭ ކަމަށް ވިދާޅުވި އެވެ.
"މިކަހަލަ ވިޔަފާރީގެ ތަރައްގީ އާއި ބަދަލުތައް އަންނަމުންދާ ދުވަސްވަރެއްގައި ކަސްޓަމްސްގެ މަސައްކަތް ފުޅާކުރުމަށް އަމުނާ އިތުރުބޮޅެއްކަމަށް އަޅުގަނޑު މިދެކެނީ. އަޅުގަނޑު އުންމީދު ކުރަނީ މި ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެން ދާނެ ކަމަށް،" އަޝްވާން ވިދާޅުވި އެވެ.