22 Sep 2014, 01:54
ކޮރެއާގެ އިންޗިއޮން ސިޓީގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ބާސްކެޓްބޯލް އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މުބާރާތުގައި ވާދަކުރި ދެވަނަ މެޗުގައި މޮންގޯލިއާ އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
އާދީއްތަ ދުވަހު އިންޗިއޮންގެ ވޮސިއޯން ސްޕޯޓްސް ކޮމްޕްލެކްސް ޖިމްނޭޒިއަމްގައި ކުޅުނު މެޗުން މޮންގޯލިއާ އަތުން ރާއްޖެ ބަލިވީ، 54-112 ޕޮއިންޓުންނެވެ.
މެޗުގައި ރާއްޖޭ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، މުޙައްމަދު ޒިލާލު އާއި އިބްރާހީމް ރަޝްވާން އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު 12 ޕޮއިންޓް ހޯދައިދިނެވެ.
މޮންގޯލިއާ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، ބައްޓުރު ގަންބޯލްޑާއި، ބިލްގޫން ބަޓުވްޝިންއާއި އޮޑްބެޔާ ބަޓްޑޯޖެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 16 ޕޮއިންޓް ހޯދައިފައެވެ.
ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކުވެއިތާ ވާދަކޮށް ރާއްޖެ ބަލިވީ 116-44 ޕޮއިންޓުންނެވެ.
މުބާރާތުގައި ރާއްޖެ ވާދަކުރާ ފަހު މެޗުގައި މާދަމާ މެންދުރު ސެމްސަން ވޯލްޑް ޖިމްނޭޒިއަމްގައި ރާއްޖެ ނުކުންނާނީ، ހޮންކޮންގާ ދެކޮޅަށެވެ.