ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ފަހު މެޗުގައި މުބާރާތް ބާއްވާ ކޮރެއާއިން ރާއްޖެ ކޮޅަށް 13 ލަނޑު ޖަހައިފި އެވެ.

ކޮރެއާގެ މުންހަކް ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މެޗުގައި ކޮރެއާ ޓީމުން ވަނީ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހައިފައެވެ.

ދެވަނަ ހާފުގައި ރާއްޖެކޮޅަށް އަށް ލަނޑު ޖަހާފައިވާ އިރު މި މެޗުގައި ކޮރެއާ ޓީމުން ރާއްޖޭގެ ގޯލަށް އަމާޒުކޮށް 40 ހަމަލާ ފޮނުވާލި އެވެ. އެހެން ނަމަވެސް މުޅިމެޗުގައި ވެސް ރާއްޖޭ ޓީމަށް ކޮރެއާގެ ގޯލަށް އެންމެ ފަހަރަކު ވެސް ނުރައްކާ ކުރެވިފައެއް ނުވެއެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ވަނީ 15-0 އިން ބަލިވެފައެވެ. އަދި ރާއްޖެ ކުޅުނު ދެވަނަ މެޗުން ތައިލެންޑާ ވާދަކޮށް ބަލިވީ 10-0 ލަނޑުންނެވެ.

މި ގްރޫޕްގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބި މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނުއިރު ރާއްޖޭ ގޯލަށް ވަނީ 38 ލަނޑު ވަދެފައެވެ. އަދި މުބާރާތް ހުސްއަތާ ނިންމާލިއިރު އިދިކޮޅު ޓީމެއްގެ ގޯލަށް ރާއްޖެއަށް އެންމެ ލަނޑެއް ވެސް ކާމިޔާބެއް ނުކުރެވެއެވެ.

ރާއްޖެއަތުން މޮޅުވުމާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގްތޮގައި ކޮރެއާ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ. އަދި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ތައިލެންޑެވެ.