ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ހޭންޑް ބޯލް އިވެޓްގައި ރާއްޖެ ވާދަކުރި ދެވަނަ މެޗުން ވެސް ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވެއްޖެ އެވެ.

ޖުމުލަ ނުވަ ޓީމެއްގެ މެދުގައި ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް "ބީ" ފަޅީގައި ފަސް ޓީމު ހިމެނެއެވެ. އޭގެތެރޭގައި ޖަޕާން، ކަޒަކިސްތާން، އުޒުބެކިސްތާން އަދި ހޮންކޮންގް ހިމެނެއެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު އުޒުބެކިސްތާނާ ވާދަކޮށް ބަލިވީ، 57-7 ލަނޑުންނެވެ. މި މެޗުގައި ރާއްޖޭގެ ހަތް ލަނޑުގެ ތެރެއިން ފަސް ލަނޑު ޖަހައިދިނީ ފާތިމަތު ރިޝްމާއެވެ. އަދި އަނެއް ދެ ލަނޑު ޖަހައިދިނީ ޝިޒްނާ ރަޝީދު އެވެ.

ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އާދީއްތަ ދުވަހު ހަވީރު ޖަޕާނާ ވާދަކޮށް ބަލިވީ 79-0 ލަނޑުންނެވެ.

ގައުމީ ހޭންޑްބޯލް ޓީމާ ހަވާލުވެހުރި ކޯޗް އަބްދުﷲ ސަލީމް ބުނީ، އޭޝިއާގެ ދެވަނައަށް އެންމެ މޮޅު ޖަޕާނު ޓީމާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި، އަދި އިދިކޮޅު ޓީމަށް ޕްރެޝަރުކޮށް ހަމަލާތަކެއް ވެސް އުފެއްދި ކަމަށެވެ.

"ކުޅުމާ ދޭތެރޭގައި ހިތްހަމަޖެހޭ. ހުރިހާ ކުދިންގެ މަސައްކަތް ވެސް ވަރަށް ރަނގަޅު. މައްސަލައަކަށް ދިމާވީ ސްކޯ ނުކުރެވުން،" ކޯޗު ސަލީމް ބުންޏެވެ.

މިއީ ހޭންޑްބޯލްގައި ރާއްޖޭގެ ގައުމީ ފެންވަރުގެ ޓީމެއް ބޭރުގެ މިފަދަ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ރާއްޖެ ވާދަކުރާ ތިން ވަނަ މެޗުގައި ހޯމަދުވަހު މެންދުރު ފަހު ނުކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ބުދަ ދުވަހު ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ.