އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް އަލުން ފެށުމުގެ ގޮތުން ސޮއިކުރަންޖެހޭ ހުރިހާ އެއްބަސްވުމެއްގައި މިހަފްތާގެ ތެރޭގައި ސޮއިކޮށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ "50 މިނިޓު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ، ޓާޓާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަށް ގެނައި ބަދަލުތަކާ އެކު އަލުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އިތުރުން ވެސް އިތުރު ފަރާތްތަކާ އެކު ސޮއިކުރަންޖެހޭ ކަމަށާއި އެ ހުރިހާ ފަރާތްތަކާ އެކު ސޮއިކޮށް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމެންޑްމެންޓުގައި ސޮއިކުރަންޖެހޭ ޕާޓީތަކުގެ ތެރެއިން މިހާރު އެއްބައި ޕާޓީތައް ސޮއިކޮށްފި. އެޕެކްސް ރިއަލިޓީގެ އެއްބައި ޓާޓާ. އެބޭފުޅުން ސޮއިކޮށްފި. މިނިސްޓްރީން މިހާރު ވަނީ ސޮއިކޮށްފައި. އަދި އެއްޕާޓީ. އެއީ އެސްޖީއައިޓީ އަކީ އަސްލު އޮރިޖިނަލް ޑިވެލޮޕާ. އެފަރާތުން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މާދަމާ އެބަ އާދޭ މާދަމާ. ކޮންމެ ގޮތެއްވިޔަސް މިހަފްތާގެ ތެރޭގައި ސޮއިކުރަންޖެހޭ ހުރިހާ ފަރާތްތަކާ އެކު ސޮއިކުރެވުނީމަ އެމެންޑްމެންޓު އިފެކްޓިވްވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ ކުރީގެ ނާދީ ހުރި ބިން ޓާޓާ ކުންފުންޏާ ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު އިސްކަމެއްދީގެން ރައީސް އޮފީހުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ނާދީ ބިން ހަވާލުކުރާތާ 45 ދުވަހުގެ ތެރޭގައި ކުރީގެ އަރަބިއްޔާ އާއި ގާ ކޮށީގައި އިމާރާތްކުރާ ފްލެޓުތަކުގެ އަމަލީ މަސައްކަތް އަލުން ފެށޭނެ ކަމަށާއި މަސައްކަތް ފެށޭތާ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފްލެޓުތަކުގެ މަސައްކަތް މިހާރު ހުއްޓިފައި އޮތްނަމަވެސް ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް މެދުވެރިވާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ގާ ކޮށީގައި އިމާރާތް ކުރަން ފަށާފައިވާ 198 ފްލެޓުގެ މަސައްކަތާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ 45 ފްލެޓުގެ މަސައްކަތް ހުއްޓިފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އެވެ.