ފުލުހުން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ހޯދުމަށް ނުވަތަ ތަހުގީގާ ބެހޭ މައުލޫމާތު ހޯދުމުގެ ނަމުގައި މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އެހެނިހެން ގޮތް ގޮތުން ޕްރެޝަރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.

ހއ. އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރު ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކޮންމެ މައްސަލައެއްގެ މައުލޫމާތު ހާމަކުރުމަކީ ފުލުހުންގެ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވަމުންދާނެ ކަމެއް ކަމަށެވެ.

ތަހުގީގު ހިނގަމުން ދަނިކޮށް ނުވަތަ ތަހުގީގު ފުރިހަމަ ނުކުރެވެނީސް އެފަދަ މައުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުއަށްކޮށް ބައެއްގެ މަސްލަހަތު ގެއްލުމުގެ ފުރުސަތު އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ، ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން އަދި ތަހުގީގާ ގުޅޭ ގޮތުން ޖަވާބު ދާރީވާން ޖެހޭ ހުރިހާ ފަރާތްތަކަކަށް ވެސް ޖަބާވުދާރީވަމުންދާ ކަމަށެވެ.

ފުލުހުންގެ ދައުރު ފުޅާކޮށް، މުވައްޒަފުންގެ ބޭނުން ހެޔޮގޮތުގައި ހިފައި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތް މިހާރަށްވުރެ ފުޅާކުރަން ޖެހިފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. އެގޮތުން ފުލުހުން ސްޓޭޝަންގައި ނުތިބެ ސްޓޭޝަނުން ބޭރަށް ނިކުމެ އާ ގޮތްތަކާ އެކު ބަދަލުތައް ގެންސް ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ވީހާ ވެސް ކައިރިން ފޯރުކޮށްދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އަމާން ރައްކާތެރި މުޖުތަމައުއެއް ގާއިމްކުރުމަށް ޓަކައި ފުލުހުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތައް ކުރަމުން ގެންދަނީ ކޮމިޝަނަރާ ހަމައިން ފެށިގެން ކޮންސްޓަލުން ވެސް ހިމެނޭ ގޮތަށްކަމަށް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މިގޮތަށް ވާހަކަފުޅު ދައްކަވާފައި މިވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ހާދިސާއަށް ފަހު، ފުލުހުންގެ ތަހުގީގު ކުރިއަށް ދާގޮތާ ދޭތެރޭގައި ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅުކުރުމަށް މާލޭގެ ބައެއް ސަރަހައްދު ތަކުގައި ހިނގާލުމެއް ބާއްވާފައި ވަނިކޮށެވެ.