21 Sep 2014, 21:48
މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ބާސްކެޓް ބޯޅަ އިވެންޓުގައި ކުވެއިތާ ވާދަކޮށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.
އިއްޔެ ދެކުނު ކޮރެއާގެ ސަމްސަން ޖިމްނާސިއަމް ސްޓޭޑިއަމްގައި ކުޅުނު ބާސްކެޓްބޯޅަ އިވެންޓުގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ކުވެއިތު ޓީމް އަތުން ރާއްޖޭގެ ޓީމް ބަލިވީ 116 ޕޮއިންޓް 44 ޕޮއިންޓުންނެވެ. އެއީ 30-10، 29-07، 32-13، 25-14 އިންނެވެ.
މެޗުގައި ރާއްޖޭ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައިވަނީ 15 ޕޮއިންޓް ހޯދައިދިން އިބްރާހިމް ރަޝްވާން އެވެ.
މި ގްރޫޕް ގައި ދެން ކުޅުނު މެޗުގައި ހޮންކޮންގެ ގެ މައްޗަށް މޮންގޯލިއާ އިން ވަނީ 86 ޕޮއިންޓް 77 ޕޮއިންޓް އިން ކުރި ހޯދާފައެވެ. ބާސްކެޓްބޯޅަ އިވެންޓުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި މިރޭ މޮންގޯލިއާ އާއި ރާއްޖެ ބައްދަލުކުރާނެއެވެ.
ކޮރެއާއަށް ދިޔަ ރާއްޖޭގެ ޓީމުގައި ޖުމްލަ ބާރަ ކުޅުންތެރިން ހިމެނެއެވެ. އެއީ ރެޑްލައިން ކްލަބުން ގައުމީ ޓީމަށް ނެގުނު ހަތަރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ޒިލާލް، އަލީ ފަޒްލީ، ހުސައިން ހަލީމް، އަހުމަދު ފިރާސް އާއި ޓީރެކްސް އިން ޒަކަރިއްޔާ އަބްދުލް ލަތީފް، އިލްޔާސް އިބްރާހިމް އަދި އަހުމަދު އައުޝަން އާއި ހަރިކޭން ބާސްކެޓް ބޯޅަ ކްލަބުން އަހުމަދު އަލީ މުސްތަފާ، އަހުމަދު އިފްސާހް، އަހުމަދު އަދުހަމް އާއި ދިވެހި ސިފައިންގެ ކްލަބުން އިސްމާއިލް ވިލްދާން އެވެ.