މެޗުގެ ކުރީކޮޅުގައި ދެލަނޑު ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑުން ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 5-3 ލަނޑުން މޮޅުވެ، ޕްރިމިއަލީގަށް އަލަށް އައި ލެސްޓާ ސިޓީން ޔުނައިޓެޑް ލަދުގަންނަވާލައިފި އެވެ.

ރޮބިން ވެން ޕާސީ ބޮލުންޖަހައި ވައްދާލި ރީތި ލަނޑާއެކު ޔުނައިޓެޑުން ވަނީ މެޗުގެ 13 ވަނަ މިނިޓްގައި ލެސްޓާގެ ގޯލް ހުޅުވާލައިފަ އެވެ. އޭގެ ތިން މިނިޓްފަހުން ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނީ، ކްލަބް ރެކޯޑް ފީއަކަށް އެ ކްލަބާ ގުޅުނު އާޖެންޓީނާ މިޑްފީލްޑަރު އެންޖަލް ޑި މަރިއާ އޭނާގެ ޖާދުވީ ކުޅުން ދައްކާލައި، މޮޅު "ޗިޕް"އެއް ޖަހާލައިގެން ކާމިޔާބުކުރި ރީތި ލަނޑުންނެވެ.

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިންގެ މޫނުމަތިން ހިނިތުންވެރިކަން ނުކެނޑިގެން އުޅެނިކޮށް ލެސްޓާގެ ޖެމީ ވާޑީ ޔުނައިޓެޑްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން ލެސްޓާގެ އާޖެންޓީނާ ފޯވާޑް ލިއޮނާޑޯ އުލޮއާ ވަނީ 17 ވަނަ މިނިޓުގައި އެޓީމަށް ނަތީޖާ ހަނިކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނިޓްގައި ޑި މަރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޑަ ހެރޭރާ ވަނީ، ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑަށް މޮޅުވުމުގެ އުންމީދު ބޮޑުކޮށްދީފައެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާތެރެއިން ލެސްޓާގެ ވާޑީއަށް ރަފައެލް ކުރި ބޭކާރު ފައުލަކާ ގުޅިގެން ރެފްރީ ވަނީ ލެސްޓާއަށް ޕެނަލްޓީއެއް ދީފައެވެ. ލެސްޓާގެއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ 62 ވަނަ މިނިޓްގައި ޑޭވިޑް ނަޖެންޓެވެ. އަދި އޭގެ ތިން މިނިޓްފަހުން ޔުނައިޓެޑް ހަމައަކަށް ނޭޅިގެން އުޅެނިކޮށް ލެސްޓާގެ އާޖެންޓީނާ މިޑްފީލްޑަރު އެސްޓަބަން ކެމްބިއާސޯ ވަނީ، ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 3-3 ލަނޑުން ހަމަހަމަކޮށްފައެވެ.

ލެސްޓާއަށް ކުރި ހޯދައިދިނީ މި މެޗުގައި އެޓީމަށް މޮޅު ކުޅުމެއް ދެއްކި ޖިމީ ވާޑީ އެވެ. 79 ވަނަ މިނިޓްގައި ވާޑީ ޖަހައިދިން ރީތި ލަނޑާއެކު 4-3 އިން ލެސްޓާއަށް ކުރި ލިބިފައި ވަނިކޮށް ޔުނައިޓެޑްގެ ދުވަސް ހަރާބުވީ، އެ ކްލަބުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވާޑީއަށް ފައުލް ކުރުމާ ގުޅިގެން ޑިފެންޑަރު ޓޭއިލާ ބްލަކެޓްއަށް ރެފްރީ މާކް ކްލަޓެންބާގް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައި ލެސްޓާއަށް ދެވަނަ ޕެނަލްޓީ ދިން ހިސާބުންނެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ލިބުނު އެ ޕެނަލްޓީން އުލޮއާ ޖަހައިދިން ލަނޑާއެކު، ލެސްޓާއިން ވަނީ 20 ފަހަރު ޕްރިމިއަ ލީގުގެ ޗެމްޕިއަން ކަން ހޯދާފައިވާ ވަރުގަދަ ޔުނައިޓެޑް ލަދުގަންނަވާލައިފައެވެ. މިއީ ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި 1985 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް އަތުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އުލޮއާގެ އެ ލަނޑަކީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ހާލް ވަނީ ލެސްޓާއާ ދެކޮޅަށް އެޓީމުގެ ބާރުގަދަ ހުރިހާ ހަތިޔާރެއް ބޭނުން ކޮށްފައެވެ. އެގޮތުން ފުރަތަމަ އެގާރައިގައި ހިމެނި ކުޅުންތެރީންގެ ތެރޭގައި، ޑި މަރިއާ، ވެން ޕާސީ، ހެރޭރާ، ރަޑެމަލް ފަލްކާއޯ، ވޭން ރޫނީ އަދި ރޯޖޯ ފަދަ ކުޅުންތެރީން ހިމެނެއެވެ.

މެޗަށްފަހު ވެން ހާލް ބުނީ، މި މެޗުން ބަލިވުމުން އެކަން ގަބޫލުކުރަން ދަތި ކަމަށެވެ. އަދި ލީގުގައި މީގެ ކުރިން ކުޅުނު ހަތަރު މެޗުން ލެސްޓާ ވަނީ، އެ ކްލަބުގެ ފެންވަރު ދައްކާލާފައި ކަމަށާއި އެހެން ނަމަވެސް 3-1 ލަނޑުގެ ލީޑެއްގައި އޮއްވައި ޔުނައިޓެޑް އަތުން އެގޮތަށް މޮޅުވެވިދާނެކަން ގަބޫލުކުރަން ދަތިކަމަށް ވެން ހާލް ބުންޏެވެ.

މި ނަތީޖާއާއެކު ލެސްޓާ ސިޓީ ވަނީ އެޓީމު ލީގުގައި ކުޅުނު ފަސްމެޗުން އަށް ޕޮއިންޓު ހޯދައިގެން ތާވަލުގެ ހަތް ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ޔުނައިޓެޑްވި ބައްޔާއެކު އެޓީމު ވަނީ، ފަސް މެޗުން ފަސް ޕޮއިންޓާއެކު ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ.