20 Jan 2011, 16:12
މޯބައިލް ފޯނެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައި ހުރި ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މިރުފަތު ފާއިޒުގެ ފިރިމީހާ އެ މައްސަލައިން ސަލާމަތް ކުރުމަށް އޭނާ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގެއަށް ވެސް ދިޔަ ކަމަށް ސިވިލް ކޯޓުގައި މިއަދު ފުލުހުން ބުނެފި އެވެ.
ގާނޫނާ ހިލާފަށް ވަޒީފާ އިން ކަނޑާލި ކަމަށް ބުނެ ފުލުހުންނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާ ދެކޮޅަށް މިރުފަތު ކުރާ ދައުވާގެ ޝަރީއަތުގައި އޭނާގެ ދައުވާއަށް ރައްދު ދެއްވަމުން ފުލުހުންގެ ގާނޫނީ ވަކީލާ ސަފާ ޝަރީފް ވިދާޅުވީ، މިރުފަތުގެ ފިރިމީހާ މުހައްމަދު ރަޒީން ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުގެ ގާޒީ މުހްތާޒް މުހްސިންގެ އަރިހަށް އޭނާ ގޮސްފައިވާ ކަމަށެވެ. އަދި ވައްކަމުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދިނުމަށް އެދުނު ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އެކަމަކު އެ ދުވަހު ގާޒީ މުހްތާޒް ހުންނެވީ ބަންދުގެ މުއްދަތާ ބެހޭ މައްސަލަ ބެލުމަށް ނޫން ކަމަށް ވިދާޅުވުމުން އެކަމާ ބެހޭ ގާޒީއަކަށް ގުޅުއްވުމަށް މިރުފަތު ގާޒީގެ އަރިހުގައި އެދުމުން ގާޒީ އެގޮތަށް ކަންތައްކޮށް ގާޒީ އަބްދުލްބާރީއާ ގުޅާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. މިކަން ކަމަށް މިރުފަތު އަމިއްލައަށް ވެސް ޕޮލިސް އިންޓަގްރިޓީއަށް ފޮނުވި ސިޓީއެއްގައި އެއްބަސްވެފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ވަކީލާ ވިދާޅުވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުރެ މިރުފަތު ވަކި ފަރާތަކަށް ބުރަވެ، އޭނާ އަށް ލިބިފައިވާ ހުރިހާ ބާރެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށް ޒާތީ ތައައްސަބުން އެއްކިބާވެފައިނުވާ ކަމަށެވެ. އެކަމުގެ ހެކި ދައްކަވަމުން ވަކީލާ ވިދާޅުވީ ފުލުހުންގެ އިސް ވެރިންނަށް ވެސް މިރުފަތު ގުޅުމަށް ފަހު އޭނާގެ ފިރިމީހާގެ ތަހުގީގުގައި ހަގީގަތުއި ގެންދަން ޖެހޭ ގޮތާ ހިލާފަށް ގެންދިއުމަށް އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ވަކީލާ ވިދާޅުވީ މިރުފަތު އަމަލުތައް ބަހައްޓާފައި ވަނީ ފުލުހުންގެ ގާނޫނާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ކަނޑައެޅިގެން ހިލާފަށް ކަމަށްވާތީ އޭނާ ކަނޑާލުމަށް ފުރުސަތު ފުލުހުންނަށް ލިބޭ ކަމަށެވެ. އަދި އޭނާ ކަނޑާލުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ވެސް ފުރިހަމަ ކުރުމަށް ފަހު ކަމަށް ވަކީލާ ވިދާޅުވި އެވެ. މީގެ އިތުރުން މިރުފަތުގެ ވަޒީފާގެ އެއްބަސްވުމުގައި ވެސް ފުލުހުންގެ ގާނޫނާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފްވެއްޖެ ނަމަ ވަޒީފާ އިން ވަކި ކުރެވިދާނެ ކަމަށް ބުނެފައިވާ ކަމަށް ފުލުހުންގެ ފަރާތުން ބުންޏެވެ.
މިރުފަތުގެ ދައުވާއަށް ޖަވާބުދާރީވަމުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ވަކީލު އަހުމަދު ފާއިޒު ވިދާޅުވީ މިރުފަތުގެ ބަޔާނުގައިވާ އެ ކޮމިޝަނަށް ނިސްބަތްވާ ކަންކަން ސާފުކޮށް އެނގެން ނެތުމުން ޖަވާބުދާރީ ނުވެވޭނެ ކަމަށެވެ. އެކަމަކު މިރުފަތުގެ ގާނޫނީ ވަކީލާ އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވީ ޖަވާބުދާރީވާން ޖެހޭ ގޮތް ބުނެދިނުމަކީ އޭނާގެ ޒިންމާއެއް ނޫން ކަމަށެވެ. ނަމަވެސް ގާޒީ އެކަން ކުރުމަށް އަންގަވައިފި ނަމަ ކޮމިޝަނުގެ ވަކީލާއާ ވަކިން ބައްދަލުކޮށް އެ ގޮތް ކިޔައިދެއްވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އެކަމަކު ގާޒީ އަބްދުﷲ ޖަމީލް މޫސާ ވަނީ ދައުވާގެ މައުލޫއަށް ދެން އަންނަ ދުވަހަކު ޖަވާބުދާރީވުމަށް ކޮމިޝަނަށް އަންގައިފަ އެވެ.