01 Apr 2010, 14:52
19:00
ދިރާގުގެ ރީލޯޑް ހިދުމަތާއި ވަތަނިއްޔާގެ ރާސްޓަސްގެ ހިދުމަތް ބޭނުންކޮށްގެން ގޮތް ނޭނގޭ ބަޔަކު އަތޮޅު ތެރޭގައި ބައެއް ފިހާރަތަކުން މަކަރާއި ހީލަތުން ބައި ލައްކަ އަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހެޑް އޮފް ކްރައިމް ޔުނިޓްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ފަޒީން މިއަދު ވިދާޅުވީ ވޭތުވެދިޔަ ތިންމަސް ދުވަހުގެ ތެރޭ އަތޮޅު ތެރޭގައި ބައެއް ފިހާރަތަކުގެ އިސް ފަރާތްތަކަށް ފޯނުން ގުޅައި، އެ މީހުންގެ ފޯނަށް ރާސްޓަސް ނުވަތަ ރީލޯޑް ކޮށްދީފިނަމަ ބޮޑެތި މަންފާތަކެއް ލިބޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އެ ފިހާރަތަކުން ބައި ލައްކަ އަށްވުރެ ގިނަ ރުފިޔާ އެގޮތަށް ގޮތް ނޭނގެ މީހުންގެ ފޯނުތަކަށް ރީޖާޗް ކޮށްދީފައިވާ ކަމަށެވެ.
ފަޒީން ވިދާޅުވީ ލ. ގަމުގެ ފިހާރައަކަށް ކާކުކަން ނޭނގޭ މީހަކު ގުޅާފައި، އެ މީހުންނަކީ ސަފާރީއެއްގައި މަސައްކަތް ކުރާ މީހުން ކަމަށް ބުނެ، އެ ރަށަށް އައިސް އެ ފިހާރައިން ގިނަ އަދަދަކަށް މުދާ ގަންނަން ބޭނުންވާ ކަމަށާއި އަދި 12،000 ރުފިޔާގެ ރާސްޓަސް އަދި ރީލޯޑް ކޮށްދިނުމަށް އެދުމުން، އެ މީހުންގެ ފޯނުތަކަށް އެ އަގަށް ރީޗާޖް ކޮށްދިނުމުން، ފަހުން އެ ފޯނުތަކަށް ގުޅުމުން ނިއްވާލާފައި އޮންނަ ކަމަށެވެ. އަދި ހަމަ އެގޮތަށް ފ. ދަރަނބޫދޫ ފިހާރައެއްގެ އިސް ފަރާތަކަށް ވެސް ފޯނުން ގުޅައި މަކަރާއި ހީލަތުން އެ މީހާގެ އަތުން ނަގުދު ފައިސާގެ ގޮތުގައި 25،000 ރުފިޔާ ނަގާފައިވާ ކަމަށާއި އަދި އެ މީހުންނަށް ރީޗާޖް ކުރާ ކޮންމެ 100 ރުފިޔާ އަކަށް ފައިދާގެ ގޮތުގައި 20 ރުފިޔާ ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން އެމީހުންގެ ފޯނުތަކަށް ވެސް 12،000 ރުފިޔާ ރީޗާޖްކުރުމަށްފަހު ފަހުން ގުޅުމުން އެ ފޯނުތައް ވެސް ނިއްވާލައި އޮންނަ ކަމަށް ފަޒީން ވިދާޅުވި އެވެ.
ފަޒީން އިތުރަށް ވިދާޅުވީ ފ. އަތޮޅުގެ ފީއަލީ ފިހާރައަކާއި ތ. އަތޮޅު ފިހާރައަކުންވެސް ހަމަ އެފަދަ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ.
ފަޒީން އަދި ވިދާޅުވީ ފުލުހުންގެ ތަހުޤީޤުތަކުން މިހާތަނަށް އެނގިފައިވާ ގޮތުގައި އެމީހުން ގެންގުޅެމުންދާ ސިމްތަކަކީ ބިދޭސީންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސިމްތަކެއް ކަމަށާއި އެފަދަ އަމަލްތައް ކުރަމުންދަނީ އެއް ބައެއް ކަމަށެވެ. އެ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށާއި އަދި އެފަދަ މައްސަލަތަކެއް 2007 ވަނަ އަހަރުވެސް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް ފަޒީން ވިދާޅުވި އެވެ.