ވާދަވެރިކަށް ބޮޑު ނަމަ އަޒުމް އިތުރަށް ވަރުގަދަ ވާނެ ކަމަށާއި އެއަށް ޖަވާބުދޭނީ ޓީމަށް ގޯލު ޖަހައިދީގެން ކަމަށް ބުނެ ޗެލްސީގެ ފޯވާޑު ޑިއޭގޯ ކޮސްޓާ، މެންޗެސްޓާ ސިޓީއަށް އިންޒާރު ދީފި އެވެ.

އެތުލެޓިކޯ މެޑްރިޑުން ޗެލްސީއަށް ބަދަލު ވުމަށްފަހު ހަތަރު މެޗުން ޖުމުލަ ހަތް ގޯލު ޖަހާފައިވާ 25 އަހަރުގެ ކޮސްޓާ އަންނަނީ އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ކޮސްޓާ ބުނީ، މެންޗެސްޓާ ސިޓީން އޭނާ ހިފަހައްޓާނެ ކަމުގެ އިންޒާރު އައުމުން އެކަމާ ހާސް ނުވާ ކަމަށާއި އެކަމަކު އެއަށް ޖަވާބު ދިނުމުގެ ގޮތުން އޭނާ ކުރާނެ ކަމަކީ ލަނޑު ޖެހުން ކަމަށެވެ.

"އެންމެނަށްވެސް އެނގެން ޖެހޭނެ މިކަހަލަ ވަގުތު ތަކުގައި ކަންތައް ކުރަން ޖެހޭނެ ގޮތް. އަހަރެން އެއްވެސް ވަރަކަށް ހާހެއް ނުވޭ ބަޔަކު އަހަރެން ބަލި ކޮށްލާނެ ކަމަށް ބުނި ކަމުގައި ވިޔަސް. އަހަރެން ޖަވާބު ދޭނަން. އެކަމު އަހަރެން ޖަވާބު ދޭނީ އެހެން ބުނި މީހުންގެ ބައިކޮޅަށް ގޯލު ޖަހައިގެން،" ކޮސްޓާ ބުންޏެވެ.

ކޮސްޓާ ބުނީ، ޗެލްސީއާ ގުޅުންފަހުން އަދި ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ރަނގަޅަށް ކަމަށާއި އެޓީމުގައި އޭނާހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ ފިޒިކަލް ކޮށް އެއްވެސް އުނދަގުލަކާ އަދި ދިމައެއް ނުވޭ. ކަންތައްތައް ކުރިއަށްދާގޮތް އަދި ވަރަށް ރަނގަޅު. ވަރަށް ހިތްހަމަ ޖެހޭ މިވަގުތު،" ކޮސްޓާ ބުންޏެވެ.

"އަހަރެންނަކަށް ކަމަކު ނުދޭ އެއްގޮތަކަށްވެސް ބަލިވުމެއް. ވަރަށް ގިނަ މީހުންނަށް ފާހަގަ ކުރެވޭ ކަމެއް އެއީ. ބަލިވުން އެއީ އަހަރެން ގަބޫލު ކުރާ ކަމެއް ނޫން. އެހެންވެ އަހަރެން ބަލަނީ އެންމެ ރަނގަޅަށް ކުޅެވޭތޯ. ބަލިވަންޏާ އަހަރެން ވަރަށް ބޮލަށް އުނދަގޫވެ،" ކޮސްޓާ ބުންޏެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރީގައި 12 ޕޮއިންޓާއެކު އޮތް ޗެލްސީ، މެންޗެސްޓާ ސިޓީއާ ދެކޮަޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8:00ގަ އެވެ.