އިހްތިޖާޖްކުރުމަށް ޓަކައި މަސައްކަތް ހުއްޓާލައިގެން ތިބުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް ވިއަަސް އެ ހައްގުގެ ބޭނުން ކުރަން ވާނީ ގާނޫނާއި ގަވާއިދުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަޅުތާލު ކުރުމުގެ ކަންކަން ގެންދަންވާނީ "ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެ ބަސްވުންތައް ހައްލުކުރުމުގައި މުއާމަލާތް ކުރުމުގެ ގަވާއިދު"ގައިވާ ގޮތުގެ މަތީން ކަމަށެވެ. އަދި އެކަންކަން ކުރަންވާނީ ގާނޫނާއި ގަވާއިދު ބަޔާން ކުރާ ގޮތުގެ މަތީން ކަމަށެވެ. އެހެން ކަމާ އެކު "ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މަސްއޫލު އޮފީހާއި ގުޅުން ހުރި އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް" އެދޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ އިހްތިޖާޖު ކުރުމަށް ޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމުގެ ހައްގު ގާނޫނު އަސާސީ އިން ނާއި ގާނޫނުން ލިބިދޭ ކަމަށެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ކުރުމަށް ރާވާފައިވާ ހަޅުތާލަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވޭ ސުލްހަވެރި ހަޅުތާލެއް ކަމަށް ބެލެވެން ނެތް ކަމަށާއި ޣައިރު ގާނޫނީ ހަޅުތާލެއް ޓީޗަރުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ވަނީ އަންގާފަ އެވެ.

އެކަމަށް ރައްދުދީ ޓީޗާސް އެސޯސިއޭޝަނުން ބުނެފައި ވަނީ ޓީޗަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ނަމަ ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ދަށުން ހަޅުތާލު ކުރާނެ ކަމަށެވެ.

މިއަދު ރާއްޖޭގެ ގިނަ ސްކޫލްތަކަކަށް ކިޔަވައިދިނުމަށް ދިޔަ ގިނަ ޓީޗަރުން ވަނީ ކަޅު ހެދުމުގައި ކިޔަވައިދިނުމަށް ނުކުމެފަ އެވެ.

ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވީ، ކަޅު ހެދުން ލައިގެން ޓީޗަރުން ނިކުތުމަކީ "ގުގުރާލުމުގެ ކުރިން ވިދާލުމެއް" ކަމަށާއި މިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އަންގާރަ ދުވަހު ޓީޗަރުން ކިޔަވައި ދިނުމަށް ނުނިކުތުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ މުސާރަ އާއި އިނާއަތްތަކުގެ ހަމަހަމަ އުސޫލެއް ގާއިމްކޮށްދޭށޭ، އަޅުގަނޑުމެންގެ މި ސްޓޭންޑަކަށް ބަދަލެއް ނުގެންނާނަން،" އާތިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އެ އެސޯސިއޭޝަނާ އެކު މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށާއި މަޝްވަރާތަކުގައި އަލިމަގެއް ނުފެނިއްޖެ ނަމަ، ހަމަ ކުރިން ރޭވިފައިވާ ގޮތުގެ މަތިން އަންގާރަ ދުވަހު ކިޔަވައިދިނުން ހުއްޓައިލާނެ ކަމަށެވެ.