މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން މަސްވެރިން ތަމްރީނު ކުރުމަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕައިލެޓް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން އަމަލީ ތަޖުރިބާ ހޯދުމަށް އެމެރިކާއަށް ދިޔަ ދެ މަސްވެރިން މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.

މަސްވެރިން ތަމްރީނު ކުރުމަށް ހިންގާ އެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އެ ޕްރޮގްރާމްގެ އަމަލީ ތަޖުރިބާ ހޯދަން އެމެރިކާގެ ސިޓްލް އަށް ދިޔަ ލ. ގަމު، އަބްދުﷲ ޔަމާން އާއި ދ. މީދޫ، ޝަހުދާން މޫސާ ދަތުރު ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެއަށް އައީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެ ދެ ޒުވާނުންނަށް އެއާޕޯޓުން މަރުހަބާކީ ފިޝަރީޒް މިނިސްޓްރީ އާއި ފިޝަމަންސް އެސޯސިއޭޝަންގެ އިސް ވެރިންނެވެ.

އެ ދެ ޒުވާން މަސްވެރިން އެމެރިކާއަށް ގޮސްފައި ވަނީ މިދިޔަ އޮގަސްޓްމަހުގެ މެދުތެރޭގައެވެ. ފިޝަމަންސް އެސޯސިއޭޝަނުން ބުނީ އެ ދެ މަސްވެރިންގެ ދަތުރުގައި އެމެރިކާގައި ދޮށިގެ މަސްވެރިކަން ކުރަމުން އަންނަ ގޮތާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޑިމަތީގައި މަސްގެންގުޅުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މަސްވެރިކަމާ ގުޅޭ އެހެނިހެން ކަންކަމުގައި އަމަލީ ތަޖުރިބާ ހޯދާފައިވާ ކަމަށެވެ.

ދަތުރު ފުރިހަމަކުރުމަށް ފަހު ދަތުރާ ބެހޭގޮތުން އެއާޕޯޓުގައި މީޑިއާއަށް މައުލޫމާތު ދެމުން އެ ޒުވާން ދެ މަސްވެރިން ބުނީ އެ ދަތުރުގެ ސަބަބުން ރާއްޖޭގައި ކުރަމުންދާ މަސްވެރިކަމާއި ޒަމާނާގުޅޭ ވަސީލަތްތަށް ބޭނުންކޮށްގެން މަސްވެރިކަމަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެވިދާނެ ގޮތްތައް ފަދަ މުހިންމު މައުލޫމާތު ތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެންހިފުމުގައާއި ރައްކާތެރިކަމާއެކު އެން ގެންގުޅުމުގައި އަމަލުކުރާ އުސޫލުތަކުގެ ސަބަބުން އިސްރާފުވެގެންދާ އެމުގެ ނިސްބަތް މަދުކުރެވުމާއި ކަނޑުގެ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ އިތުރުން ކަނޑާއި ފަޅުގެ ވެއްޓަށް ކުނި އުކުންފަދަ ކަންކަމުން ލިބިދާނެ ގެއްލުމާބެހޭ އެންމެހާ ކަންތައްތަކުގެ މައުލޫމާތު ލިބުނު ކަމަށް އެ ދެ ޒުވާނުން ފާހަގަކުރެ އެވެ.

އެ ދަތުރަކީ މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ އިސްނެގުމުގެ މަތިން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ސްޕޮންސާކޮށްގެން ކުރިއަށް ގެންދިޔަ ދަތުރެކެވެ.