ފެމެލީ ކޯޓުގެ ހުރުމަތް ކަނޑާލި މީހަކު އެއް މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

ޅ. ނައިފަރު އާޒާދީގޭ ހާމިދު ހުސައިން ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ހާމިދުގެ ކިބައިން ވަރިވުމަށް އޭނާގެ އަނބިމީހާ ހުށަހެޅި މައްސަލަ އޭނައާ ދެކޮޅަށް ނިމުނު ކަމަށް ބުނެ އެކަމާ ހިތްމަނުޖެހިގެން ފެމެލީ ކޯޓު ތެރޭގައި އަޑުގަދަކޮށް އެ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އެވެ.

ފެމެލީ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 12:50 އަށް ކޯޓަށް ހާޒިރުވުމަށް ހާމިދާއި އޭނާގެ އަނބިމީހާއަށް ޗިޓު ފޮނުވާފައި ވަނިކޮށް އެދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ކޯޓު ތެރެއަށްވަދެ ކޯޓުގެ ގަދަރާއި ހުރުމަތް ކެނޑޭގޮތަށް ރުޅިވެރިކަމާ އެކު ވާހަކަދެއްކުމަށްފަހު، ކޯޓުން އޭނާއަށް ދޫކޮށްފައިވާ "ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ކޯޓުގެ މުވައްޒަފުންނާ ދިމާލަށް އޭނާ އެއްލާލި ކަމަށެވެ.

އޭގެފަހުން ބޭރަށް ދިޔުމަށްފަހު ފަސް ވަރަކަށް މިނެޓުފަހުން ކޯޓު ތެރެއަށް އެނބުރި ވަދެ "ބިޑިއަޅުވައިގެން ނޫން ގޮތަކަށް ކޯޓަށް ހާޒިރު ނުކުރެވޭނެ" ކަމަށް ބުނެ ނުކިޔަމަންތެރިކަން އޭނާ ފާޅުކޮށްފައިވާ ކަމަށެވެ.

ހާމިދު ހުރިތަނަކުން ހޯދައި އޭނާ ޖަލަށްލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މައްޗަށް ފެމެލީ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ ހުކުމްގެ މުއްދަތު ގުނަންފެށޭނީ އޭނާ ޖަލަށް ލެވޭ ދުވަހުން ފެށިގެން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.