މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޗެނަލްތަކުން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީއާއި ކޮންޓެންޓް އުފެއްދުމާ ގުޅޭ މަސައްކަތްތަކަށް އަގު ނެގޭނެ ސިޔާސަތެއް ކަނޑައަޅައިފި އެވެ.

އެމްބީސީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެފަދަ ސިޔާސަތެއް ކަނޑައެޅުވުމުގެ ބޭނުމަކީ ދުވަހުން ދުވަހަށް ގެނެސްދޭން ޖެހޭ އެކިއެކި ޕްރޮގްރާމްތަކާއި ކޮންޓެންޓްތައް ގެނެސްދިނުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމާއި އެކަމަށް ހޭދަކުރަން ޖެހޭ ވަގުތު ކުޑަކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ސިޔާސަތަށް އަމަލު ކުރާނީ ގާނޫނާއި ގާވާއިދު ތެރެއިން ކަމަށެވެ.

"މިފަދަ ސިޔާސަތެއްގެ ބޭނުމަކީ ދުވަހުން ދުވަހަށް ގެނެސްދޭން ޖެހޭ ޕްރޮގްރާމަކަށް ބޭނުންވާ ކޮންޓެންޓެއް ގަތުމުގައި މިހާތަނަށް ކަނޑަތުކުރަން ޖެހޭ ޕްރޮސީޒާ ތަންކޮޅެއް ދިގުލައިގެން ދާ ދިއުން ކުޑަކޮށް، ވީހާ ވެސް އަވަހަށް އެ ކަމެއް އާއްމުންނާ ހަމައަށް ގެނެސްދެވޭނެ ގޮތްތަކެއް ހޯދުން،" އެމްބީސީގެ އޮފިޝަލް ވިދާޅުވި އެވެ.

އަލަށް އެކުލަވާލި ސިޔާސަތުގެ ދަށުން އެމްބީސީ އިން އުފައްދާ ޕްރޮގްރާމްތަކަށް ނުވަތަ ވަކި ސީރީޒަކަށް އަދި ވަކި މަސައްކަތަކަށް ނުވަތަ ވަކި ފަންނު ވެރިކަމަކަށް ދެވޭނެ އެންމެ މަތީ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ އަގަކީ 300،000 ރުފިޔާ އެވެ. ނަމަވެސް މާލިއްޔަތުގެ ގާނޫނުގެ ދަށުން އެއަށް ވުރެ ބޮޑު ޕްރޮޖެކްޓަކަށް އެ އަދަދަށް ވުރެ މަތިން ހޭދަކުރެވޭނެ ކަމަށް ވެސް އެމްބީސީން ބުންޏެވެ.

އެ ސިޔާސަތުގެ ދަށުން ކޮންޓެންޓް ކޮމެޓީން މަސައްކަތް ހަވާލުކުރަން ކަނޑައަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ޖުމްލަ އަގަކީ 100،000 ރުފިޔާ އަށްވުރެ ބޮޑު އަގެއް ކަމުގައިވާ ނަމަ އެ މަސައްކަތެއް އެފަރާތަކާ ހަވާލުކުރެވޭނީ ކޮމިޝަނިންގް ކޮމިޓީން އެގޮތަށް ނިންމުމުން ކަމުގައި ވެސް ބުނެފައިވެ އެވެ. އަދި ކޮޮންޓެންޓްތައް ވިއްކުމަށް ހަދާ ޕްރޮޕޯޝަލްތަކުގެ ތެރެއިން އެ ކޮންޓެންޓެއް ގަނެވޭނެ އެންމެ މަތީ އަގުތަކާއި ކޮންޓެންޓް ގަތުމުގައި އަމަލް ކުރަންވީ ގޮތްތައް ވެސް އެ ސިޔާސަތުގައި ކަނޑައަޅައިފައިވެ އެވެ.

މީގެ އިތުރުން ފަންނުވެރިންގެ ތެރެއިން ވަކި މަސައްކަތަކަށް ވަކި ބަޔަކު ހޮވުމުގައި އަމަލް ކުރަންވީ ގޮތުގެ ތަފްސީލްތައް ވެސް އެ ސިޔާސަތުގައި ވަނީ ކަނޑައަޅަފައި އެވެ. އެ ސިޔާސަތަށް އަމަލު ކުރަން ފެށުމާ އެކު އެމްބީސީގެ ޗެނަލްތަކަށް ބޭނުންވާ ފަންނީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެމްބީސީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ހުޅުވާލަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ދަފްތަރު ހުޅުވިފައިވާކަން ކޮންމެ ތިން މަހުން އެއް މަހު އެ ޑިޕާޓްމަންޓުން އިއުލާންކުރަން ޖެހޭނެ ކަމަށް ވެސް އެ ސިޔާސަތުގައި ކަނޑައަޅާފައިވެ އެވެ.

"މި ސިޔާސަތުގެ ދަށުން ދަފްތަރުކުރަން ފެށުމަކީ މިހާތަނަށް އަމަލްކުރެވެމުން އައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޗެނަލްތަކުން އުފައްދާ ޕްރޮގްރާމްތަަކަށް ބޭނުންވާ ފަންނީ އެހީ އަދި ކޮންޓެންޓް އުފެއްދުމާ ގުޅޭ މަސައްކަތްތައް އަގުދީގެން ކުރުވުމުގެ ގަވާއިދުގެ ދަށުން ފަފްތަރު ކުރެވިފައިވާ ފަރާތްތައް އެ ދަފްތަރުން އުނިވެގެންދާނެ ކަމެއް ނޫނެވެ. މިސިޔާސަތުގެ މަގުސަދަށް ޓަކައި އެ ފަރާތްތައް ވެސް ބެލެވޭނީ ދަފްތަރުގެ ކުރެވިފައިވާ ފަރާތްތަކެއްގެ ގޮތުގަ އެވެ،" އެ ސިޔާސަތުގައި ބުނެފައިވެ އެވެ.