21 Sep 2014, 15:55
ޓީޗަރުންނަށް ހެޔޮގޮތްތައް ހޯދައިދީ ޓީޗަރުންގެ ވެލްފެއާ ރަނގަޅު ކުރުމަށް އަބަދު ވެސް މަސައްކަތް ކުރައްވާ ކަމަށާއި ވަކި ބައެއްގެ ޑިމާންޑަކާ ގުޅިގެން ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ރަނގަޅު ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، މުސާރަ ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ވަކި ބަޔަކު ބުނެގެން ކުރާ މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުންގެ ވަކި ޑިމާންޑަކާ ގުޅިގެން މުސާރަ ބޮޑެއް ނުކުރާނަން. އެއީ ކުރާނެ ކަމެއް ނޫން. ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ކަންތައް ކުރިއަށް ގެންދަވަނީ ވަކި ބަޔަކު ބުނެގެންނެއްނޫން،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، ޓީޗަރުންގެ މުސާރަ އާއި އިނާޔަތް ބޮޑުކޮށްދިނުމުގެ ކަންތައް އަވަސްކޮށް ދިނުމަށް ޓީޗަރުން އެދިވަޑައިގަންނަވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ޓީޗަރުންނާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެ ފަރާތުގެ ދެމެދު ވާހަކަ ދެކެވުމަކީ ވަރަށް މުހިއްމު ކަމެއް. އެހެންކަމުން އެކަން އިއްޔެ އިން ފެށިގެން އެބަ ކުރިއަށް ގެންދަން.. ޓީޗަރުންގެ ޖަމިއްޔާ އިން ހުށަހަޅާފައިވާ ކަންތައްތަކަށް ޓައިމްލައިނެއް ތައްޔާރުކުރެވިގެން ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވަމުން މިދަނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިހެން ބުނެފައިވާ އިރު، ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓްރީ އާއި ޓީޗަރުންގެ ޖަމިއްޔާ އިން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
ޓީޗަރުންގެ ޖަމިއްޔާ އިން އެޑިއުކޭޝަން މިނިސްޓްރީ އަށް ފޮނުއްވި އެއްވެސް ސިޓީއަކަށް ޖަވާބު ނުދީ އެއްވެސް ސިޓީއަކާ ގުޅިގެން މަޝްވަރާކުރައްވާފައިނުވާ ކަމަށް ބުނާ ވާހަކަ އަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ، އެބޭފުޅުންނާ މިނިސްޓަރު ވެސް ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް އެބޭފުޅުން ބޭނުންފުޅުވާ ވަރަށް ބައްދަލުނުކުރެއްވުނީ ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީޗަރުންގެ ޖަމިއްޔާ އިން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން މަޝްވަރާގެ މޭޒު ދޮށުން ފުރުސަތު ނުދީފި ނަމަ އަންނަ އަންގާރަ ދުވަހު ކިޔެވުން ހުއްޓާލައި އިހުތިޖާޖަކަށްދާން ނިންމާފަ އެވެ. އަދި މިނިސްޓްރީއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި އަލިމަގެއް ނުފެނިއްޖެ ނަމަ ވެސް އަންގާރަ ދުވަހު ކިޔަވައިދިނުން ހުއްޓާލާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.