ކާބުލް (ސެޕްޓެމްބަރު 21) : އަފްޣާނިސްތާނުގައި ބޭއްވި ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެކެންޑިޑޭޓުން ކަމަށްވާ އަޝްރަފް ޣަނީ އާއި އަބްދުﷲ އަބްދުﷲ އާ ދެމެދު ޖެހުނު މައްސަލަތައް ޙައްލުވެ ރައީސް ކަމަށް އަޝްރަފް ޣަނީ އިންތިޚާބުވިކަމަށް އަބްދުﷲ އެއްބަސްވެ ވަޑައިގަތުމާ ގުޅިގެން މަގާމުގެ ހުވާ ޣަނީ ވަރަށް އަވަހަށް ކުރައްވާނެ ކަމަށް އޭނާގެ ތަރްޖަމާން ވިދާޅުވެއްޖެ އެވެ.

އަޝްރަފްޣަނީ ގެ ތަރްޖަމާން ފައިޒުﷲ ޒަކީ ވިދާޅުވީ ދެ ކެންޑިޑޭޓުންގެ މެދުގައިވާ ހުރިހާ ދެބަސްވުންތަކެއް މިހާރު ޙައްލު ކުރެވިއްޖެ ކަމަށާ މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރައްވަން އަބްދުﷲ ތައްޔާރަށް ހުންނެވިކަމުގަ އެވެ. މިއެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމާއެކު އަޝްރަފް ޣަނީ މަގާމުގެ ގާނޫނީ ހުވާ ކުރައްވާނެކަމަށްވެސް ފައިޒުﷲ ޒަކީ ވިދާޅުވި އެވެ. އަޝްރަފް ޣަނީ އަކީ އަފްޣާނިސްތާނުގެ އަޣްލަބިއްޔަތު އޮންނަ ޕޮޝްތޫ ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާއަކީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާ އިގްތިސާދީ ތަޖްރިބާކާރެކެވެ.

އަފްޣާން ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު މާބޮޑު މައްސަލައެއްނެތި ނިމިގެން ދިޔުމަށްފަހު ދެވަނަ ބުރުގައި ވާދަކުރެއްވީ އަޝްރަފް ޣަނީ އާއި އަބްދުﷲ އަބްދުﷲ އެވެ. މިދެބޭފުޅުންގެ ތެރެއިން 56 އިންސައްތަ ވޯޓާއެކު އަޝްރަފް ޣަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އަބްދުﷲ އަބްދުﷲ ވަނީ ބަލި ގަބޫލުނުކުރައްވައި އިންތިޚާބުގެ ސައްހަކަމާމެދު އެތަކެއް ސުވާލު އުފައްދަވާފަ އެވެ.

މިމައްސަލަތަކާގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ކޮންބޭފުޅެއްކަން އިންތިޚާބުތަކާބެހޭ ކޮމިޝަނަށް ނުނިންމި ދިގުލައިގެން ދިޔުމާއެކު ރައީސްކަމުގެ އައުދައުރަކަށް ހުވާކުރުމުގެ މުއްދަތުވެސް ވަނީ ފަސްވެގެން ގޮސްފަ އެވެ. އެންމެފަހުން މައްސަލަ ހައްލުވީ ރައީސްކަމުގެ މަގާމަށް އަޝްރަފް ޣަނީ ހަމަޖެއްސުމަށް އަބްދުﷲ އަބްދުﷲ އެއްބަސްވެ ވަޑައިގަތުމުންނެވެ. އަބްދުﷲ މިކަމަށް އެއްބަސްވެ ވަޑައިގަތީ ބޮޑުވަޒީރެއްގެ ބާރުތަކާ އެއްވަރުގެ މަގާމެއް އޭނާއަށް ދިނުމަށް އަޝްރަފް ޣަނީ ހުށަހެޅުއްވި ހުށަހެޅުން އޭނާ ގަބޫލުކުރެއްވުމާ ގުޅިގެންނެވެ.

އަފްޣާން އިންތިޚާބުތަކާބެހޭ ކޮމިޝަނުން އިޢްލާންކޮށްފައިވާގޮތުން މިދިޔަ ޖޫންމަހު ބޭއްވި އަފްޣާން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަޝްރަފް ޣަނީ އަށް ލިބިވަޑައިގެންފައިވަނީ 56.44 އިންސައްތަ ވޯޓެވެ. އަބްދުﷲ އަށް43.45 ލިބވަޑައިގެންފައިވަނީ އިންސައްތަ ވޯޓެވެ. (ރޮއިޓާސް)