ޡާނަވީ ސްކޫލްތަކުގެ އަށް ޕަސެންޓް ދަރިވަރުންނަށް ޓީޗަރުން ހާނީއްކަ ކުރާ ކަމަށް ހިއުމަން ރައިޓްސް އިން ނެރުނު ރިޕޯޓްގައިވާ އެއްވެސް ކަމެއް މީގެ ކުރިން އެ ކޮމިޝަނުގެ ފަރާތުން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ވިދާޅުވީ، ވޭތުވެ ދިޔަ ތަނުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު މައްސަލައެއް އެއްވެސް ފަރާތަކުން މިނިސްޓްރީ އަށް ހުށައަޅާފައިނުވާ ކަމަށާއި އަދި އެޗްއާރުސީއެމް އިން ވެސް ޓީޗަރުން ދަރިވަރުންނަށް ހާނީއްކަކުރާ ކަމަށް ބުނެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަން ވެސް އައިސްފައިނުވާ ކަމަށެވެ.

"އެ ރިޕޯޓަކީ 2008 ވަނަ އަހަރު ޔުނިސެފުން އެއްކުރެއްވި މައުލޫމާތު ތަކެއްގެ މައްޗަށް ޔުނިސެފުން އެބޭފުޅުންގެ އިންޓާނަލް ބޭނުމަކަށް 2009 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ރިޕޯޓެއް. އޭގައި އެ ވަނީ ވަރަށް ކުރީގެ މައުލޫމާތުތަކެއްގެ ވާހަކަ. އެހެންވީމާ އެހާ ކުރީގެ ރިޕޯޓަކަށް ބިނާކޮށްފައި މިހާރު ޓީޗަރުންނަށް ހުތުރުވާ ގޮތަށް އެއްޗެއް ނެރުމަކީ މިނިސްޓްރީން ވަރަށް ކަންބޮޑުވާ ކަމެއް،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެޔޮއެދޭ ފަރާތްތަކާއި ޓީޗަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުންނަށް ވެސް ހުތުރުވާ ގޮތަށް އެފަދަ ވާހަކަތައް ނެރުމުން އޭގެ ނޭދެވޭ އަސަރު ސްކޫލްތަކުގެ ދަރިވަރުންނަށް ކުރާ ކަމަށެވެ.

"ރިޕޯޓުގައި އެބަ އޮވޭ ސްކޫލްތަކުގައި އަށް ޕަސެންޓް ކުދިންނަށް ޓީޗަރުން ގޯނާކޮށް ހާނިއްކަކުރާ ވާހަކަ. އެގޮތަށް ނެރޭ ރިޕޯޓެއްގައި ނަމަ އެބަޖެހޭ ރަނގަޅު މައުލޫމާތު ހުންނަން. އެ ލިޔާ އިރު ހަގީގަތްތަކެއް ހޯދަން އެބަޖެހޭ. އިލްމީ ދިރާސާތައް ހަދަންޖެހޭނެ. އެކަމަކު އެކަހަލަ އެއްވެސް ކަމެއް ނުކޮށް ވަރަށް ކުރީގެ ދިރާސާ ރިޕޯޓަކަށް ބިނާކޮށް މިއޮތީ މި ރިޕޯޓު ތައްޔާރުކޮށްފައި،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު 2008 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކީ އޭރު ދިވެހި ރާއްޖޭގެ ހާލަތު ހުރިގޮތް ކަމަށްވުން އެކަށީގެންވާ ކަމަށާއި ނަމަވެސް އޭގެ އަހަރުތަކެއް ފަހުން މިހާރު ރާއްޖެ އަށް އައިސްފައިވާ ބަދަލުތަކުގެ ތެރެއިން އެފަދަ ކަމެއް ނުހިނގާ ކަމަށްވާ ނަމަ އެކަމެއް ވެސް ރިޕޯޓުގައި ހިމަނަން ޖެހޭނެ ކަމަށެވެ.