21 Sep 2014, 15:32
ގައުމަށް ދިމާވާ ކުއްލި ހާލަތްތަކާއި ކާރިސާތަކުގައި ހަރަކާތްތެރިވާނެ 22 މީހުން ޓީމެއް މޯލްޑިވްސް ރެޑް ކުރެސެންޓުން ތަމްރީން ކޮށްފި އެވެ.
ރެޑް ކުރެސެންޓް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ "ނެޝަނަލް އިމަޖެންސީ ރެސްޕޮންސް ޓީމް" އުފެއްދުމުގެ ބޭނުމަކީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ހިނގާފާނެ ކުއްލި ހާލަތްތަކުގައި އެ ރަށްތަކުުގައި ހަރަކާތްތެރިވާ ޔުނިޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
'"މި ޓީމް އެކުވެލިގެން ވަނީ ރާއްޖޭގެ ހަ ހިސާބެއްގައި ހަރަކާތްތެރިވަމުންދާ ރެޑް ކްރެސެންޓްގެ ގޮފިތަކުން 16 ދަރުމަވެރިއަކާއި ހަ ސްޓާފުންގެ މައްޗަށް" ރެޑް ކުރެސެންޓުން ބުންޏެވެ.
ރެޑް ކުރެސެންޓުން އިތުރަށް ބުނީ އެ ޓީމަށް އިތުރު މެމްބަރުން ތަމްރީން ކުރުން ދޭތެރެދޭތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.
މިމަހުގެ 14 އިން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގުރާމްގައި ތަމްރީނުތައް ފެސިލިޓޭޓްކޮށްދިނީ އައިއެފްއާރްސީގެ ސައުތު އޭޝިއާ ރީޖަންގެ ޑިޒާސްޓާ ޕްރިޕެއާޑްނެސް ސީނިއާ އޮފިސާ ޖިޖޭ ކުމާރު ކަމަށް ރެޑް ކުރެސެންޓުން ބުންޏެވެ. އަދި އެތަމްރީންނުތައް ފެސިލިޓޭޓް ކޮށްދިނީ ރެޑް ކުރެސެންޓްގެ އޮފިޝަލުން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ރެޑް ކުރެސެންޓުން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ނުވަ ރަށަކުން 207 މީހަކު ވަނީ ތަމްރީނުކޮށްފަ އެވެ.