ފޭސްބުކްގައި ކީރިތި ގުރުއާނަށް ހަޖޫ ޖެހި މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ފޭސްބުކްގެ އިތުރުން ސޯޝަލް އެހެން މީޑިއާތަކުގައި ކީރިތި ގުރުއާނަށާއި ގުރުއާނުގެ އާޔަތްތަކަށް އަދި ކީރިތި ރަސޫލާ އަށް ހަޖޫޖަހައި ހަދާފައިވާ މައްސަލަތަކެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް ފުލުހުން ބަލަމުން ގެންދަނީ ވަކި ފަރާތަކުން ހުށަހަޅައިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފަދަ މައްސަލައަކާ ގުޅިގެން ކުރިއަށް ދެވޭ ވަރަށް މައުލޫމާތު ލިބޭ ނަމަ މީގެ ކުރިން ވެސް އެ އޮންނަ އުސޫލެއްގެ ދަށުން އެ މައްސަލައެއް ބަލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފޭސްބުކްގައި ނޫނަސް އެހެން ސޯޝަލް މީޑިއާތަކުގައި ވެސް ކީރިތި ގުރުއާނުގެ އާޔަތްތަކަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައި ހުންނަ އެއްޗެހީގެ މައްސަލަތައް ބަލަމުން މިގެންދަނީ. އެ މައްސަލަތަކާއިގެން ކުރިއަށް ދެވޭ ވަރަށް ހެކި ލިބިފައި ވާތީ އެކަންތައްތައް ބަލަން ފެށީ،" އޮފިޝަލް ވިދާޅުވި އެވެ.

ފޭސްބުކްގައި ﷲ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާފައިވާ މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަދަ ޕޭޖްތައް ބްލޮކްކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.