20 Jan 2011, 15:51
މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ކަތިވަޅިއަކުން ޖަހާ ޒަޚަމްކޮށްލި މއ. ނައިޓް ވިލާ، އިބްރާހިމް އަބުދުﷲ (ގައްބަރޭ) ގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ދޫކުރުމާ ގުޅިގެން މިއަދު ހެނދުނު ލަންކާ އަށް ފުރައިފި އެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ގައްބަރޭ، 20، ފުރާފައި ވަނީ މިއަދު ހެނދުނު 10:00 ޖަހާކަންހާއިރު އެވެ. އޭނާ ރާއްޖެއިން ބޭރަށް ގެންދިޔައީ އާއިލާއިން ބޭނުން ވެގެން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން މިއަދު ވިދާޅުވީ، ގައްބަރޭގެ ޕާސްޕޯޓު ބަލައި އާއިލާގެ ފަރާތުން އިމިގްރޭޝަނަށް ދިއުމުނ،ް ކޯޓު އަމުރެއް ނެތި ދޫނުކުރެވޭނެ ކަން އާއިލާއަށް އެންގި ކަަމަށެވެ. " އޭނަގެ ފަރާތުން މީހަކު އައިމަ އަޅުގަނޑު ދެންނެވިން ކޯޓުން ހިފަހައްޓާފައި އޮތް ޕާސްޕޯޓެއް އަޅުގަނޑަކަށް ދޫނުކުރެވޭނެ އޭ. ދެން އިއްޔެ ހަވީރު ހައެއް ޖަހަން އުޅެނިކޮށް ކޯޓު އަމުރު ނެރުނީމަ އަޅުގަނޑުމެން ދޫކޮށްލީ،" އިލްޔާސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ގައްބަރޭ ފުރަން އުޅޭކަން ފުލުހުންނަށް އެންގި ކަމަށެވެ. ނަަމަވެސް، ގައްބަރޭގެ ހާލު ސީރިއަސް ކަމެއް ނޭނގޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގައްބަރޭގެ ބޮލުގެ ފުއްކިބައަށް ލިބުނު ޒަޚަމްތަކާ ގުޅިގެން އޭނާގެ ބޮލުގެ ސާޖަރީއެއް ވަނީ ހަަދައިފަ އެވެ. އަދި އެ ހަމަލާއާ ގުޅިގެން އޭނާގެ ބޮލުން އިންޓާނަލް ބްލީޑިންގެ މައްސަލަ ކުރިމަތިވި ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
ނަމަވެސް، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ވަނީ ކުރިން ބުނެފަ އެވެ.
ގައްބަރޭއަކީ 2008 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އަލީ އިޝާރު )ޗޯޓޭ( މަރުގެ މައްސަލައިގެ ދައުވާ ލިބުނު މީހެކެވެ. އޭރު އޭނާ އަކީ ކުޑަ ކުއްޖެކެވެ. އެހެންނަމަވެސް އެ ފަހަރު އޭނާގެ މައްޗަށް ވަނީ ކުށް ސާބިތު ނުވެގެން ދޫކޮށް ލައިފަ އެވެ.
މީގެ އިތުރުން ވެސް ފިނޭންސް މިނިސްޓްރީ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައަކާ ގުޅިގެން ވެސް ގައްބަރޭގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. އެހެންނަމަވެސް އެ ފަހަރުވެސް އޭނާގެ މައްޗަށް ވަނީ ކުށް ސާބިތު ނުވެފައެވެ.
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެރޭ ރިލެކްސިން ކައިރީ ޒުވާނެއްގެ ލޮލަށް ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން ޒަޚަމަވި ޒުވާނާ އަށް ވެސް ވަނީ ފަރުވާ ދިނުމަށް އިއްޔެ އިންޑިއާ އަށް ފުރާފަ އެވެ.
މާރާމާރީގެ އެ ދެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުނެއް ކަށަވަރު ކޮށެއްނުދެ އެވެ.