ޗައިނާގެ ސަރުކާރުގެ ހިލޭ އެހީ ދަށުން ހެދުމަށް ހަމަޖައްސާފައިވާ ލ. އަތޮޅުގެ ލިންކް ރޯޑް މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ފަހު ކޮޅު ފެށޭވަރުވާނެ ކަމަށް ހައުސިންްގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ޗައިނާގެ ކޮންޓްރެކްޓަރު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އަންނަ މަހު އެ މަޝްރޫއަށް ބޭނުންވާ ތަކެތި ރާއްޖެ ގެނެވި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ފަހު ހަފްތާގައި ފެށޭވަރުވާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެފައިވަނީ، ކޮންޓްރެކްޓާ ވެސް އަޅުގަނޑުމެންނަށް ޔަގީންކަން އެބަދޭ އަންނަ މަހު އެ މަސައްކަތަށް ބޭނުންވާ ސާމާނުތައް ގެނެސް އަމަލީ މަސައްކަތް ފެށޭނެ ކަމަށް، އޭގެ ކުރިން ސަރުކާރުން ރުއްގަހުގެ ބަދަލު ދިނުމާއި ސައިޓުގެ ބައެއް ސަރަހައްދުން ކޮށަންޖެހޭ ރުއްގަސްތައް ކޮށުމުގެ މަސައްކަތް ވެސް ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

ލ. އަތޮޅުގައި ގާއިމު ކުރުމަށް ނިންމާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ. އެެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕުން ކުރިއަށްގެން ދިއުމަށް ހަމަޖައްސާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އެ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރެއްގައި މަގު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.