21 Sep 2014, 12:41
އދ. މާމިގިލީގައި ބާރު ސުޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް އެއާޕޯޓް ފެންސަށް އަރައި އެކްސިޑެންޓެއް ހިނގައިފި އެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް އެކާރަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ކާރުގެ ކުރީ ލައިޓްތަކަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ހަމައެހެންމެ ކާރުގެ ބަފަރުގެ އެއް ފަރާތް ބަނޑިވެފައި ވެސް ވެ އެވެ.

މާމިގިލީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ކާރު ފެންސަށް އަރާފަ-- ސަން ފޮޓޯ: މޮނިޓާރ
ކާރުގެ އިތުރުން އެއާޕޯޓް ފެންސަށް ވެސް ވަނީ ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ކާރުޖެހުނު ހިސާބުގައި ރެދުލައި ވަކި ވެފައި ވެސް ވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއެކްސިޑެންޓް ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ އެކާރު މާ ބާރަށް ދުއްވުމުން ކަމަށާއި އެ މައްސަލަ އެރަށު ޕޮލިސް ސުޓޭޝަނުން މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

މާމިގިލީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ކާރު ފެންސަށް އަރާފަ-- ސަން ފޮޓޯ: މޮނިޓާރ
މާމިގިލީ ކައުންސިލްގެ ނައިބް ރައީސް އަބުދުﷲ މުފީދު ވިދާޅުވީ އެފަދަ އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށެވެ.