ވޯކްސް ކޯޕްރޭޝަނާ ގުޅިގެން މި އަހަރު ހަދާ ކަމަށް ބުނާ 33 ބަނދަރަށް 61 މިލިއަންރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ވޯކްސް ކޯޕްރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، މިއަހަރު 33 ބަންދަރެއް ވޯކްސް ކޯޕްރޭޝަނާއި ގުޅިގެން އެޅުމަށް ނިންމާފައިވާ ކަމަށާއި އޭގެތެރެއިން 14 ބަނދަރުގެ މަސައްކަތް މިހާތަނަށް ވޯކްސް ކޯޕްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އެ ބަނދަރުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 61 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ވޯކްސް ކޯޕަރޭޝަނަށް އެ ފައިސާ ދައްކަން ޖެހޭނީ 15 އަހަރުގެ ތެރޭގައި ކަމަށް ވެސް ޑރ. ޝަރީފް ވިދާޅުވި އެވެ.

"ވޯކްސް ކޯޕްރޭޝަނާ އަޅުގަނޑުމެން މި ހަވާލުކުރި ހުރިހާ މަސައްކަތަކީ ވެސް ކޮންޓްރެކްޓަރު ފައިސާ ހޯދައިގެން މަސައްކަތް ކުރަން ޖެހޭނެ މަސައްކަތްތައް. ސަރުކާރުން މިއަހަރު ދޭން ޖެހޭނީ ފަސް ޕަސަންޓު ހަރަދު. ކޮންޓްޓަރަށް ދިގު މައްދަތައް ފައިސާ ދައްކައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއްމީ. އެހެން ވީމަ ސަރުކާރަށް މި ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާވާނެ ކަމަކަށް ނުދެކެން،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން 10 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި އަދި ނުވަ ރަށެއްގައި ފެން އުފައްދާ ނިޒާމް ހަރުކުރުމުގެ މަސައްކަތް ވެސް ވޯކްސް ކޯޕްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މިއަހަރުގެ ނިޔަލަށް ނިންމާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ.ޝަރީފް ވިދާޅުވި ގޮތުގައި، 10 ރަށުގެ ނަރުދަމާއަށް ހަރަދުވަނީ 33 މިލިއަން ރުފިޔާ އެވެ. ފެން އުފައްދާ ނިޒާމް ގާއިމް ކުރުމަށް 36 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓަކަށް ވެސް ފައިސާ ދައްކަން ޖެހެނީ ދިގު މުއްދަކަށް ބަހާލައިގެން ކަން ޑރ. ޝަރީފް ފާހަގަކުރެއްވި އެވެ.
ވޯކްސް ކޯޕްރޭޝަނުން ބުނީ ހުރިހާ ޕްރޮޖެކްޓަކަށް ވެސް އެ ކޯޕްރޭޝަނުން ފައިސާ ހޯދާނީ ބޭންކްތަކުން ލޯނު ނަގައިގެން ކަމަށާއި ގިނަ ޕްރޮޖެކްޓްތަކަށް މިހާރު ވެސް ފައިސާ ލިބިފައިވާ ކަމަށެވެ.

އަދި މިއަހަރު ގިނަ ރަށްރަށުގައި ބަނދަރު ހަދަނީ ދެވަނަ ފަހަރަށް ކަމަށާއި އެ ކޯޕްރޭޝަނުން އަލަށް ހަދާ ހުރިހާ ބަނދަރަކަށް ވެސް 30 އަހަރު ދުވަހުގެ ގެރެންޓީއެއް ދެވޭނެ ކަމަށް އެ ކޯޕްރޭޝަނުން ބުނެ އެވެ.