މިހާރު ހުޅުމާލެއިން ދޫކުރާ ފްލެޓްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ ފްލެޓްތައް ހޯދަން ފޯމް ހުށައެޅުމަށް ޓަކައި ރެއިން ފެށިގެން ހައުސިން މިނިސްޓްރީގެ ގޯތިތެރޭގަ އާއި އެ ސަރަހައްދު މަގުގައި ކިޔޫ ހަދައިފި އެވެ.

ރޭ ގާތްގަނޑަކަށް 11:00 އިން ފެށިގެން ހަދާފައި އޮތް ކިޔޫގައި މިއަދު ހެނދުނާ ހަމައަށް ވެސް މީހުން ތިބި އިރު މިހާރު ހެނދުނު 9 ޖެހި އިރު ވެސް ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ މީހުން އެ މިނިސްޓްރީ ދޮށުގައި ކިޔޫގައި އެބަތިއްބެވެ.

ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ ކިޔޫ ހަދާފައި ވަނީ މިހާރު ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 1100 ފްލެޓް ހޯދުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓްތަކަށް ފޯމް ހުށައަޅަން މީގެ ހަތަރު މަސް ކުރިން ހުޅުވާލާފައިވާ އިރު މި މަހުގެ ނިޔަލަށް ނަމްބަރު ދޫކުރާނެ ކަމަށެވެ.

"މި މަހުގެ ނިޔަލަށް ނަމްބަރު ދޫކުރަން ނިންމާފައި ވަނީ. ހަތަރު މަސް ކުރިން ހުޅުވާލާފައިވީ ނަމަވެސް ފަހު ވަގުތު ގިނަ މީހުން ކިޔޫގައި ޖެހުން އެއީ އާންމުކަމެއް،" އޭނާ ވިދާޅުވި އެވެ.

މިއަދު ހައުސިން މިނިސްޓްރީ ހުންނަ ގޯތިތެރޭގައި ކިޔޫ ހަދާފައި --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެ މިނިސްޓްރީގެ އެހެން އިސް އޮފިޝަލަކު ވިދާޅުވީ މިހާރު ހަމަޖައްސާފައިވާ ގޮތުން ދުވާލެއްގެ މައްޗަށް ބަލައިގަންނާނީ 175 ނަންބަރު ކަމަށެވެ.

"ކޮންމެ ދުވަހަކު އަދި މި ބަލައިގަންނަނީ 175 ނަންބަރުގެ ރޭޓުން. ކިޔޫގައި ތިބޭ އެންމެންނަށް ވެސް ނަމްބަރު ދޫކުރާނެ. އެ ނަންބަރުކޮޅުގައި އޮންނާނެ އައިޑީ ކާޑު ނަންބަރު ވެސް. އަދި ފޯމް ހުށަހަޅަން އަންނަން ޖެހޭ ތާރީހު ވެސް. އައިޑީކާޑް ހިފައިގެން އައިސް ފޯމް ހުށައަޅާން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ކިޔޫގެ ކުރީގައި ހުރި މީހަކާ ސުވާލުކޮށްލުމުން ބުނީ ގިނަ އިރުތަކެއް ވަންދެން ކިޔޫގައި ހުންނަން ޖެހުނު ނަމަވެސް "ދަރިން ބޯހިޔާ ކޮށްލަން ވަންނާނެ ގެދޮރެން ހޯދަން ޖެހޭތީ" ކިތަންމެ އިރެއް ވިޔަސް ކިޔޫގައި ހުންނާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީ ބުނީ ފްލެޓަށް އެދޭ ފޯމް ބޭނުންވާ އެންމެންނަށް ވެސް އެ މިނިސްޓްރީ އިން ނަމްބަރު ދޫކުރާނެ ކަމަށާއި އެ ފުރުސަތުގެ މި މަހުގެ ނިޔަލަށް އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ. އަދި އެކަމުގައި ލިމިޓެއް ނޯންނާނެ ކަމަށާއި ފޯމްތައް ބަލައިގަނެ ނިމެންދެން ފޯމް ބަލައިގަތުމުގެ މަރުހަލާ ކުރިއަށް ދާނެ ކަމަށެވެ.