20 Jan 2011, 15:38
ދައުލަތުގެ މުއައްސަސާތަކުން ހޯދަން ޖެހޭ ލިޔެކިތުންތައް ނުލިބިގެން ބަލަމުންދާ ބައެއް މައްސަލަތައް ނުނިމި ލަސްވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަނުގެ މެމްބަރު އަބްދުލްކަރީމް ވިދާޅުވީ، މިދިޔަ އަހަރު އެކޮމިޝަނަށް 712 މައްސަލަ ހުށަހަޅާފައިވާ އިރު ނިމިފައި ވަނީ 220 މައްސަލަ ކަމަށެވެ. އަދި އޭގެ ތެރޭގައި ހުރި ގިނަ މައްސަލަތައް ރައްދުވަނީ ދައުލަތުގެ އެކި މުއައްސަސާތަކަށް ކަން ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، އެ މައްސަލަތައް ނުނިމި ލަސްވާ އެންމެ ބޮޑު ސަބަބަކީ އެ މުއައްސަސާތަކުން ސާފުކުރަން ޖެހޭ މައުލޫމާތު ނުލިބުން ކަމަށެވެ.
"ހައްގު ގެއްލިގެން ހުށަހަޅާ މައްސަލަތަކަކީ ދައުލަތުގެ އަދި ޚާއްސަކޮށް ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާ އިދާރާތަކާ ގުޅުން ހުރި މައްސަލަތައް، ދެން މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތުގެ ކޮންމެވެސް މުއައްސަސާއެއް. ދެން އެބޭފުޅުން އެހެންވީމާ އެތަންތަނުން ސާފުކުރަން ޖެހޭ މައުލޫމާތާއި ހޯދަން ޖެހޭ ލިޔެކިޔުންތައް ހޯދުމުގައި އަޅުގަނޑުމެންނަށް ވަގުތު ނަގަނީ. ބައެއް ފަހަރަށް އެހެންނަމަވެސް އަޅުގަނޑުމެން އަވަސްކުރުމުގެ ގޮތުން އެތަންތަނަށް ގޮސް ގެން އެ މައުލޫމާތު ގެނެސްގެން ވެސް މައްސަލަ ބަލަން،" އަބްދުލްކަރީމް ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު މުހައްމަދު ތޮލާލް ވިދާޅުވީ، މައްސަލަތައް އަވަހަށް ނުނިމޭ އިތުރު ސަބަބުތަކެއް ވެސް އެބަ ހުރި ކަމަށެވެ. އެގޮތުން ކޮމިޝަނަށް މިދިޔަ އަހަރު ގިނަ މައްސަލަތަކެއް ހުށަހަޅައިފައިވާ އިރު އޭގެ ތެރޭގައި ކޮމިޝަނުން ބަލަން ނުޖެހޭ ނުވަތަ އިންސާނީ ހައްގުތަކާ ނުގުޅޭ ގިނަ މައްސަލަތަކެއް ހުންނަ ކަމަށެވެ.
"ހުރިހާ ކަމަކީ ހައްގެއް ގެއްލިގެން ނުވަތަ ކޮމިޝަނުން ބަލަން ޖެހޭ މައްސަލައަކަށް ނުވެވެސް ހަމަ އެބަދޭ. އެހެންނަމަވެސް އެ ވެސް ސްޓެޓިސްޓިކަލީ ހުށަހެޅޭ މައްސަލަ ގޮތުގައި ބެލެވެނީ. ދެން ހުށަހަޅޭ މައްސަލަތަކަށް ބަލާއިރު ކުރަން ޖެހޭ މަސައްކަތަކީ ވަރަށް ބުރަ ވަރަށް ބޮޑު މަސައްކަތެއް. އެއީ ހައްގެއް ގެއްލިގެން ހުށަހެޅޭ މައްސަލައެއް ބަލައި ތަހުގީގު ކޮށް ނިންމުމުގެ ޕްރޮސެސް އަކީ އެތައް ބަޔަކު ގެނެސްގެން އެތައް ބަޔެއްގެ ފަރާތުން މައުލޫމާތު ހޯދައިގެން އެތައް ވަގުތުތަކެއް އެތައް ދުވަސްތަކެއް ހޭދަވާ ކަމެއް،" ތޮލާލް ވިދާޅުވި އެވެ.
މީގެ އިތުރުން ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގެ "ކޮލިޓީއަށް" އަސަރެއް ނުކުރާ ގޮތަށް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ވެސް ކޮމިޝަނުގައި މަދުކަން ތޮލާލް ފާހަގަކުރެއްވި އެވެ.
ނަމަވެސް، އެ ހުރިހާ މައްސަލަތަކެއް ހުރި ނަމަވެސް ޝަކުވާތައް ބަލައި، ރައްޔިތުން އެދޭ އަވަސް ޖަވާބެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެގޮތުން ހުށަހަޅާ ޝަކުވާތައް މެނޭޖްކުރާ ސިސްޓަމެއް ގާއިމްކުރުމަށާއި ސަރުކާރު މުއައްސަސާތަކާ މަޝްވަރާކޮށްގެން ކޮމިޝަނުގެ މަސައްކަތްތައް ހަލުވި ކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ.