21 Sep 2014, 10:20
ވެލިންޓަން (ސެޕްޓެމްބަރ 21) : ނިއުޒިލޭންޑްގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު އެގައުމުގައި މިހާރު ވެސް ވެރިކަންކުރާ ނެޝަނަލް ޕާޓީން ކާމިޔާބުކޮށްފި އެވެ.
ނިއުޒިލޭންޑްގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނީ ވޯޓުގެ ތިންބައިކުޅަ ދެބައި ގުނާފައިވާ އިރު، ވެރިކަންކުރާ ނެޝަނަލް ޕާޓީ އަށް 48 އިންސައްތަ ވޯޓު ލިބިފައިވާ ކަމަށާއި އިދިކޮޅު ލޭބާ ޕާޓީ އަށް ލިބިފައި ވަނީ 25 އިންސައްތަ ވޯޓު ކަމަށެވެ. މި އަޣްލަބިއްޔަތާ ގުޅިގެން، އެހެންޕާޓީއަކާ ނުލައި ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖޯން ކޭގެ ނެޝަނަލް ޕާޓީ އަށް އައު ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު ލިބިގެންދާނެ އެވެ. އަދި މިއައު ސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ވެސް ވެރިކަންކުރާ ނެޝަނަލް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ބޮޑުވަޒީރު ޖޯން ކޭ އެވެ.
ޖޯން ކޭ ގެ ނެޝަނަލް ޕާޓީ ވަނީ 2008 ވަނަ އަހަރާއި 2011 ވަނަ އަހަރު ބޭއްވި ހުރިހާ އިންތިޚާބު ތަކެއް ވެސް ކާމިޔާބުކޮށްފަ އެވެ. ނިއުޒިލޭންޑްގެ ރައްޔިތުންގެ މެދުގައި ބޮޑުވަޒީރު ކޭ އާއި އޭނާގެ ނެޝަނަލް ޕާޓީގެ މަގްބޫލުކަން ބޮޑުވެފައި ވަނީ އެ ޕާޓީގެ ވެރިކަމުގައި އެގައުމަށް ލިބެމުންދާ އިގްތިސާދީ ކުރިއެރުންތަކުގެ ސަބަބުންނެވެ. މިފަހަރުގެ ކޭންޕޭންގައި ބޮޑުވަޒީރު ޖޯން ކޭ ވަނީ ރައްޔިތުންގެ އަތުން ސަރުކާރަށް ނަގާ ޓެކްސްތައް ވެސް ކުޑަކޮށްދޭނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
ޖޯން ކޭގެ ވެރިކަމުގައި ނިއުޒިލޭންޑްގެ އިގްތިސާދު ވަނީ ހީނަރުކަމުން އަރައިގަތުމުގެ އިތުރުން އަހަރުން އަހަރަށް ގްރޯތް ރޭޓް ވެސް މައްޗަށް ދާންފަށާފަ އެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ވެސް ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާތައް އިތުރުވެ ރައްޔިތުންގެ ހާސްކަން ވަނީ ކުޑަވެގެން ގޮސްފަ އެވެ. (ރޮއިޓާސް)