ކުލަގަދަ ހަރަކާތްތަކާއެކު ދެކުނު ކޮރެއާގެ އިންޗިއޯން ސިޓީގައި 17 ވަނަ އޭޝިއަން ގޭމްސް ފަށައިފިއެވެ.

ރޭ އިންޗިއޯން ސިޓީގެ އަސިއަން މެއިން ސްޓޭޑިއަމްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އޭޝިއަން ގޭމްސް ރަސްމީކޮށް ފައްޓަވައިދެއްވީ ދެކުނު ކޮރެއާގެ ރައީސް ޕާކް ގިއު ހާއި އެވެ. އެއަށްފަހު ސެލެބްރިޓީ، އެކްޓްރެސް ލީ ޔަންގް ވަނީ އޭޝިއަން ގޭމްސްގެ ދަންމަރުގައި ރޯކޮށްލާފައެވެ.

ކޮރެއާގެ މަޝްހޫރު ދެ ސެލެބްރިޓީން އޭޝިއަން ގޭމްސްގެ ދަންމަރު ހިފައިގެން ---- ފޮޓޯ: އޭޕީ
ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ލަވަ ކިއުންތެރިއާ ޕީއެސްވީގެ ހުށަހެޅުންތައް ފެނިގެންދިޔަ އެ ރަސްމިއްޔާތުގައި ހަވާ އެރުވުމާއި ކޮރެއާގެ ސަގާފީ ބޮޑުބެރު ޖެހުމުގެ ހުށަހެޅުންތަކާއި މަޝްހޫރު ތަރިންގެ އިތުރުން ގިނަ ބަޔަކު ވަނީ އެމީހުންގެ ހަރަކާތްތައް ދައްކާލާފަ އެވެ. އަދި ގޭމްސްގައި ވާދަކުރާ 45 ގައުމެއްގެ ކޮންޓިންޖެންޓުން ވަނީ ތައާރަފްވެ އެގައުމެއްގެ ދިދަ ދައްކާލާފައެވެ.
ރާއްޖޭގެ ކޮންޓިންޖެންޓުގެ ޓީމް ދިދަ ދައްކާލަނީ ---- ފޮޓޯ: އޭޕީ
މިފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިން ތަކެއް ވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސީއުލް ގައި 1988 ގައި ބޭއްވި އޭޝިއަން ގޭމްސްގައާއި 2002 ވަނަ އަހަރު ކޮރެއާގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި ތީމް ސޯންގް އެއްގެ ގޮތުގައި ބޭނުންކުރި ދެ ލަވަ ރީމިކްސް ކޮށްގެން އާ ތީމްލަވައެއްގެ ގޮތުގައި ހުށަހަޅައިދީފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ރޭ ބޭއްވި ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަކީ އަދި މިހާތަނަށް ބޭއްވުނު އެންމެ ކުލަގަދަ އަދި އެންމެ ފުރިހަމަ ރަސްމިއްޔާތު ކަމަށެވެ.
އޭޝިއަން ގޭމްސްގެ ދަންމަރު ރޯކޮށްލައިފައި ---- ފޮޓޯ: އޭޕީ
އޮލިމްޕިކް ކުޅިވަރު މުބާރާތަށްފަހު ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލުގައި މިފަހަރު 45 ގައުމަކުން 13000 އެތްލީޓުން ވާދަކުރާއިރު މިފަހަރުގެ އޭޝިއަން ގޭމްސްގްގައި ތަފާތު 439 އިވެންޓެއް ކުރިއަށް ދާނެއެވެ. މިއީ އޮލިމްޕިކް ގޭމްސްގައި ހިމެނޭ ވަރަށްވުރެވެސް ގިނަ އަދަދެކެވެ.

އޭޝިއަން ގޭމްސްގައި ގިނަ އަދަދަކަށް ޗައިނާގެ އެތްލީޓުންވާދަކުރާއިރު މިފަހަރުވެސް މެޑަލް ލިސްޓުގެ އެންމެ ކުރި ހޯދާނެ ކަމަށް ބެލެވިފައިވަނީ ޗައިނާ އެވެ. އޭޝިއަން ގޭމްސް ގެ ކުޅިވަރުތައް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު 36 ކުޅިވަރަކުން އެތްލީޓުން ވަނީ ބައިވެރިވެފައެވެ.