20 Sep 2014, 11:18
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ރާއްޖެ އިން ބޭރަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން އުމުރުން 23 އަހަރުގެ މީހާ އަށް އިތުރުފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހާ ރާއްްޖެ އިން ބޭރަށް ފުރުވާލަނީ ޑޮކްޓަރުންގެ އިރުޝާދުގެ މަތީން ކަމަށެވެ.
ޒީނަތު ވިދާޅުވީ އެމީހާގެ މޫނަށާއި މޫނުގެ ކަށިތަކަށް ބޮދެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ބޮލަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ރޭ 8:30 އެހާކަންހާ އިރު ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެވަނަ މީހާ އަށް ވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފަ އެވެ.