20 Jan 2011, 14:18
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނުގައިވާ ގޮތުގެ މަތިން ޔުނިވާސިޓީ އުފެއްދުމާ އެކު މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަންގެ 400 އަށް ވުރެ ގިނަ މުވައްޒަފުން ސިވިލް ސާވިސް އިން ވަކިވާނެ އެވެ.
މިދިޔަ ހޯމަ ދުވަހު އަމަލު ކުރަން ފެށި ޔުނިވާސިޓީގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މި ގާނޫނަށް އަމަލު ކުރަންފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި "ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ" ގާއިމް ކުރެވޭނެ ކަމަށެވެ. އެ ގާނޫނުގެ 46 ވަނަ މާއްދާގައި ބުނެފައި ވަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު ކޮލެޖުގެ މުވައްޒަފުން ވާނީ ސިވިލް ސާވިސްގައި ނުހިމެނޭ ޔުނިވާސިޓީގެ މުވައްޒަފުންނަށް ކަމަށެވެ. ހަމައެއާ އެކު ގާނޫނަށް އަމަލު ކުރަންފެށުމާ އެކު ކޮލެޖުގެ ދަރިވަރުން ވެސް ވަނީ ޔުނިވާސިޓީގެ ދަރިވަރުންނަށް ބަދަލުވެފަ އެވެ.
ކޮލެޖުގެ ވައިސް ރެކްޓާ ހުސެއިން ހަލީމް ވިދާޅުވީ ގާނޫނަށް އަމަލު ކުރަން ފެށުމަކުން އަދި ކޮލެޖުގެ މުވައްޒަފުން ސިވިލް ސާވިސް އިން ވަކި ނުވާނެ ކަމަށެވެ. އެކަމަކު ޔުނިވާސިޓީ އުފެއްދުމާ އެކު ގާނޫނުގައިވާ ގޮތުގެ މަތިން އޮޓަމެޓިކުން ކޮލެޖުގެ މުވައްޒަފުން އަދި ދަރިވަރުން ވެސް ޔުނިވާސިޓީއަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭރުން ކޮލެޖުގެ މުވައްޒަފުން ސިވިލް ސާވިސްގައި ނުހިމެނޭނެ ކަމަށް ވެސް ހުސެއިން ހަލީމް ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ ޔުނިވާސިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްއާ ވަކި ބައެއްގެ ގޮތުގައި ހަމަޖެހިގެންދާތީ އެ ކޮމިޝަނުން އެކަމަށް އިއުތިރާޒް ނުކުރާ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ކަންތައް ކުރަމުން އަންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކަށް ވާނީ އެއިން މުވައްޒަފެއްގެ ވަޒިފާ ގެއްލުން ފަދަ ކަމެއް ދިމާވުމުން ކަމަށެވެ. ނަމަވެސް އެކަމުން އެއިން ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.