20 Sep 2014, 10:19
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަނާއި ނ. ވެލިދީ ރަށު ކައުންސިލް ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ހެނދުނު 8:10 އެހާކަންހާއިރުން ފެށިގެން ހުރިހާ ރަށެއްގައި ވެސް ވޯޓުލުން ސުލްހަވެރިކަމާ އެކު ފެށިގެން ކުރިއަށްދާ ކަމަށެވެ.

މިއަދު ހިނގަމުންދާ އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ކެންޑިޑޭޓަކާއި ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެކެވެ. ފޭދޫ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި އައިމިނަތު އިނާ ވާދަ ކުރައްވާ އިރު އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވަނީ އަލީ ފަހުމީ އަހްމަދެވެ.
ވެލިދޫ ކައުންސިލަށް ސަރުކާރު ހިންގާ ކޯލިޝަން ތެރެއިން އެމްޑީއޭގެ ޓިކެޓްގައި އަލީ މުޖުތަބާއާ ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ ޝަފީގު އާ އެވެ.

މިއަދު ހިނގަމުންދާ އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫ ސިޓީ ފޭދޫގައި ވޯޓުލުމަށް ޓަކައި ފަސް ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އަދި ވެލިދޫގައި ދެ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އޭގެ އޭގެ އިތުރުން އެ ދެ ދާއިރާގެ މީހުން މާލެގައި ވޯޓުލުމަށް ދެ ވޯޓު ފޮއްޓެއް އިސްކަންދަރު ސްކޫލުގައި ވަނީ ބަހައްޓާފަ އެވެ.
އައްޑޫ ސިޓީގައި ވޯޓުލުން މިއަދު ކުރިއަށްދާ އިރު ފޭދޫ ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު އިބްރާހިމް ދީދީ މިއަދު ހުންނެވީ ފޭދޫގަ އެވެ. އަދި ދާދި ފަހުން ރައީސް އަބްދުﷲ ޔާމިން އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވެސް ވަނީ ފޭދު އަށް ވަޑައިގެންފަ އެވެ. ހަމަ އެހެންމެ އިންތިހާބު ކެމްޕެއިން ތެރޭގައި އެމްޑީޕީގެ އިސް މެމްބަރުންނާ އެކު ފޭދޫގައި ވަނީ ކެމްޕެއިން ޖަލްސާއެއް ބާއްވާފަ އެވެ.

މިއަދު ހިނގަމުންދާ އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލް ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި އަބްދުﷲ އަޝްވާން މި ދިޔަ ޖުލައި މަހު ނިޔާވުމާ ގުޅިގެންނެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ހަ ދާއިރާ އަށް ވެސް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ވެލިދޫ ރަށު ކައުންސިލުން ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި މުހައްމަދު އަލިފުޅު މި ދިޔަ ޖޫން މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.