ވޮޝިންޓަން (ސެޕްޓެމްބަރ 20) : އިރާގާއި ސޫރިޔާގައި އިސްލާމީ ޚިލާފަތެއްގެ ނަމުގައި ވަކި ދައުލަތެއް އިޢްލާންކޮށްގެން އުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ފަށާ ވައިގެ އަސްކަރީ އޮޕަރޭޝަންތަކުގައި ސޫރިޔާގައިވާ އެޖަމާއަތުގެ މަރުކަޒުތަކަށް ހަމަލާދޭނެ ތާރީޚާއި ވަގުތު ހާމަކުރުމަށް އެމެރިކާ ދެކޮޅު ހަދައިފި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ސޫޒަން ރައިސް ވިދާޅުވީ އައިއެސް އާ ދެކޮޅަށް ސޫރިޔާ އަށް ހަމަލާދިނުމުގެ އިޚްތިޔާރު އެމެރިކާގެ ކޮންގްރެސް އިން ރައީސް ބަރަކް އޮބާމާ އަށް ދީފައިވާ ކަމަށާއި މިކަމަށް ޓަކައި ސޫރިޔާ ސަރުކާރުގެ ހުއްދަ ހޯދަން އެމެރިކާ އަށް ނުޖެހޭނެ ކަމުގަ އެވެ. އަދި ސޫރިޔާ ސަރުކާރުގެ ހުއްދަ ނުލިބުމަކީ އައިއެސް އާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމަ އަށް އޮތް ހުރަހެއްނޫން ކަމަށް ވެސް ރައިސް ވިދާޅުވި އެވެ. ނަމަވެސް ޖަމާއަތަކާ ހަނގުރާމަ ކުރުމަށް ޓަކައި ގައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ހުއްދަ އެމެރިކާ އަށް ދިން ފަރާތެއް އެމެރިކާގެ މަސްއޫލުވެރިޔާ ހާމަކުރައްވާފައެއް ނުވެ އެވެ. ރައިސް ވިދާޅުވީ ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް ހަމަލާދޭނެ ތާރީޚާއި ވަގުތު ހާމަކުރުމަކީ ބުއްދިވެރި ކަމެއް ކަމަށް އެމެރިކާ ނުދެކޭ ކަމުގަ އެވެ.

އައިއެސް ޖަމާއަތަކީ ވަރަށް އެކަހެރި ޖަމާއަތެކެވެ. އެ ޖަމާއަތާ ދެކޮޅަށް އަރަބިންނާއި ހުޅަނގު ގުޅިގެން މިހާރު ތެދުވަމުންދާ އިރު އެ ޖަމާއަތަށް ވާގިވެރި ވަނީ ހަމައެކަނި އިރާގުގެ ސަރުކާރުގެ ފަރާތުން އަނިޔާވެރިކަން ތަހައްމަލް ކުރަމުން ގެންދާ އިރާގުގެ ސުންނީންގެ ބައެއް ގަބީލާތަކެވެ. ސޫރިޔާ އަށް ބަލާއިރު ވެސް އެ ގައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހުރިހާ ޖަމާއަތްތަކެއް ވެސް އައިއެސްއާ އިދިކޮޅެވެ.

ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތައް އެއްބަޔަކު އަނެއްބަޔަކާޖެހި ދުޝްމަންވެގެން ދިޔައީ އައިއެސްގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން ކަމަށް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އިލްމާނީ ޖަމާއަތްތަކާއި އިސްލާމީ ޖިހާދީ ޖަމާއަތްތަކާއި އަދި އިސްލާމީ ސަލަފީ ޖަމާއަތްތަކުން ވެސް ދެކެ އެވެ. އައިއެސް އަކީ އެޖަމާއަތުގެ ސިޔާސަތުތަކާއި ވިސްނުމަށް ތާއީދު ނުކުރާ ކޮންމެ ބަޔަކީ ކާފަރުންގެ ގޮތުގައި ސިފަކޮށް އެބައެއްގެ ލޭ ހުއްދަކުރަމުން ގެންދާ ތަކްފީރީ ޖަމާއަތެކެެވެ. އައިއެސްއާއި އިސްލާމީ އެހެން ޖަމާއަތްތަކާ ދެމެދުގައިވާ ދުޝްމަންކަމުގެ އެންމެ ބޮޑު އެއްސަބަބަކީ މި އެވެ.

އައިއެސް ޖަމާއަތަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތައް ދުޝްމަންކޮށް ބައިބައިކުރާ ޖަމާއަތަކަށް ވާތީ އައިއެސް ބާރުވެރި ކުރުވުމަށް ޓަކައި ނުސީދާ ގޮތެއްގައި ބައްޝާރުގެ ސަރުކާރުން މަކަރުވެރި ގޮތެއްގައި އެޖަމާއަތަށް ވާގިވެރިވާ ކަމަށް އެހެން ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ. މިގޮތުން ސޫރިޔާގެ ބައެއް ސަރަހައްދުތަކުގައި އެގައުމުގެ ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިން ވަރުގަދައަށް ހަަމަލާތައް ބަދަލުކުރަމުން ގެންދިޔުމަށް ފަހު ކުއްލި ގޮތަކަށް ސޫރިޔާ ސިފައިން އެ ސަރަހައްދުތަކުން ފާބައި އެ ސަރަހައްދުތައް އައިއެސްގެ ކޮންޓްރޯލްގެ ދަށަށް ދާގޮތަށް ގަސްދުގައި އަމަލު ކުރަމުން ގެންދާ ކަމަށް އެހެން ޖަމާއަތްތަކުން ބުނެ އެވެ.

މިގޮތަށް ސޫރިޔާ ސިފައިން ކަންތައް ކުރަނީ މަކަރުވެރި ރޭވުމެއްގެ ތެރެއިން އައިއެސް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށާއި މިގޮތަށް ސޫރިޔާ ސިފައިން ފާބައިގެންދާ އިރު ގިނަ އަދަދެއްގެ ހަތިޔާރު ވެސް ގަސްދުގައި ބަހައްޓާފައި ދާކަމަށާ މިހަތިޔާރުތައް ދެން އަރަނީ އައިއެސްގެ އަތްމައްޗަށް ކަމަށް އިދިކޮޅު އެހެން ޖަމާއަތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)