ތައުލީމީ ދާއިރާގައިހުރި ގޮންޖެހުންތަކާހުރެ 'ޓީޗަރުން ދަށުދަރަޖައަކަށް ވެއްޓެން ދޫކޮށްލައި މަގުމަތިކުރާން' ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭނުންފުޅު ނުވާނެ ކަމަށް ޓީޗަރުންގެ ޖަމިއްޔާ ބުނެފި އެވެ.

ޓީޗަރުން އިހުތިޖާޖަށް ނުކުންނާނެކަން ރަސްމީކޮށް އިއުލާން ކުރުމަށް މިރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސް އާތިފް އަބްދުލްހަކީމް ވިދާޅުވީ، ޓީޗަރުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާނަމަ އެކަން ބައްލަވައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

"ޓީޗަރުންގެ މައްސަލަތައް ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާ. ރައީސް ޔާމީނަށް އުޅުއްވަނީ އޮޅުވާލައިގެން. ވެރިން ލާފައި ތިބުމުން އެހެން 'ޕިކްޗާއެއް' ދައްކުވައިދެއްވަނީ،" އާތިފް ވިދާޅުވި އެވެ. "ހަޅުތާލުން ކާމިޔާބާ ހަމައަށްދާނެ. އަޅުނގަޑުމެން ގައުމުގެ ރައީސް، އަބްދުﷲ ޔާމީނަކީ ޓީޗަރުންނަށް އެކަން ކޮށްދެވޭނެ ވަރުގެ ބޭފުޅެކޭ. އެބޭފުޅާ އެކަން ކޮށްދެއްވާނެ."

އޭނާ ވިދާޅުވީ، ތައުލީމީ ނިޒާމު ފުޑުފުޑުވެގެންދާތަން ބަލަން ޓީޗަރުން ތިބެގެން ނުވާނެ ކަމަށާއި، ޓީޗަރުން އަދާކުރާ ވަޒީފާއަކީ ދީނީ ވާޖިބެއް ކަމަށެވެ. އަދި ޓީޗަރުންގެ ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރަން އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ނުދީފިނަމަ، އިހުތިޖާޖަށް ނުކުންނާނެ ކަމަށް އެސޯސިއޭޝަނުން ވަނީ ރަސްމީކޮށް މިރޭ އިއުލާންކޮށްފަ އެވެ.

"ޓީޗަރުންގެ ކަންބޮޑުވުންތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ނުދެއްވާކަމަށްވާނަމަ، އާދިއްތަ ދުވަހު ކަޅު ހެދުމުގައި ޓީޗަރުންތިބީ ކޮންގޮތަކަށްކަން ރަމްޒީ ކޮން ދައްކައިދޭނަމޭ. އެއަށްފަހު ފުރުސަތުދޭނަމޭ ހޯމަދުވަހު މަޝްވަރާގެ މޭޒުދޮަށަށް ކަންކަން ހައްލުކުރުމަށްޓަކާ. އެ ފުރުސަތުގެ ބޭނުން ނުހިފައިވިނަމަ، މުއްދަތެއް ނެތް ގޮތަށް ޓީޗަރުން ހަޅުތާލަކަށް ސްކޫލްތަކަށް ނުކުންނާނަމޭ،" އާތިފް ވިދާޅުވި އެވެ.

ޓީޗަރުންނަށް އެއްވެސް ކަހަލަ އިހުތިރާމަކާއި ގަދަރެއް ނެތް ކަމަށް އިޝާރާތްކުރައްވައި އާތިފް ވިދާޅުވީ، ޓީޗަރުންނަށް ދިމާވާ ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ބޭނުންފުޅު ނުވާކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ ޓީޗަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތައުލީމީ ނިޒާމުގައި ހުރި ކަންކަމާމެދު ކަންބޮޑުވެގެން މަޝްވަރާއަށް އެދި ހަ ސިޓީ ލައިފިން މިހާތަނަށް. ކޮން ސިޓީއަކަށްތޯ ޖަވާބުދެއްވީ. ކޮން ސިޓީ އަކާ ގުޅިގެންތޯ މަޝްވަރާކުރެއްވީ. ކޮން ސިޓީއަކާ ގުޅިގެންތޯ މައުލޫމާތުދެއްވީ. އެހެންވެއްޖެއްޔާ އޭގެމާނަކީ ރާއްޖޭގެ ޓީޗަރުންނަކީ ތިމަންނާމެން ބަލައިގަންނަ ބައެއް ނޫނޭ،" އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓީޗަރުން ދައްކާ ވާހަކަ ގައުމުން ގަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދި "ޓީޗަރުން ބޭނުންވާ ގޮތަކަށް ޓީޗަރުން އެދޭ ގޮތަށް ޓީޗަރުން ރުުހޭ ގޮތަކަށް ގައުމު ހިނގަންޖެހޭނެ،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.