19 Sep 2014, 18:35
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ޢަބުދުﷲ ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން އޭނާގެ އާއިލާއާއި އޭނާ އަށް ހެޔޮއެދޭ މީހުންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަކާ އެކު މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.
"ސުވާލު މާޗް"ގެ ނަމުގައި އާޓިފިޝަލް ބީޗުން ފެށި އެ ހިނގާލުމުގައި އުފުލި ބޯޑްތަކުގައި ގިނަ ސުވާލުތަކެއް ލިޔެފައިވެ އެވެ. އެގޮތުން ލިޔެފައިވާ ސުވާލުތަކުގެ ތެރޭގައި "ކީއްވެ ލަސްވަނީ؟ ޖަވާބެއް ނުދެވިގެން އުޅެނީ ކީއްވެ؟ ރިޟްވާނަށް ވީ ކިހިނެތްހޭ؟" މިފަދަ ސުވާލުތައް ހިމެނެ އެވެ.
ރިޟްވާނުގެ އާއިލާއާއި އެކުވެރިން އިންތިޒާމު ކުރި އެ ހިނގައިލުމުގައި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ އިސްވެރިން މިއަދުގެ ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޗެއާޕާސަން އަލީ ވަހީދާއި ވައިސް ޗެއާޕާސަން އަލީ ނިޔާޒު ވެސް ހިނގައިލުމުގައި ބައިވެރިވި އެވެ.
ރިޟްވާން ގެއްލުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެ ރޭ ހުޅުމާލޭ ފެރީ އަށް އަރަނިކޮށެވެ. ނަމަވެސް އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޭގެ ހަ ދުވަސް ފަހުން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.