ޓީޗަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ނަމަ ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ދަށުން ހަޅުތާލު ކުރާނެ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.

ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލްހަކީމް ސޮއިކުރައްވައި ލޭބާ ރިލޭޝަން އޮތޯރިޓީ އަށް ފޮނުވި ސިޓީއެއްގައި ވަނީ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް ހިންގުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ހަޅުތާލުތަކުގައި ބައިވެރިވާ މީހުންނާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި މަސައްކަތްތެރިން ނުވަތަ ޓީޗަރުންގެ ހައްގުތައް ހޯދުމަށް އިހްތިޖާޖުކޮށް ހަޅުތާލު ކުރުމަކީ އެންމެ މުގައްދިސް އެއް ހައްގު ކަމުގައި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ވީމާ، ޓީޗަރުންގެ ހައްގުތައް ނުލިބޭ ނަމަ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ބޭނުންހިފައި 2014 ސެޕްޓެމްބަރު 23 ވަނަ ދުވަހު ޓީޗަރުން ހަޅުތާލު ކުރާނެ ވާހަކަ ދެންނެވީމެވެ،" އެ ސިޓީގައިވެ އެވެ.

ޓީޗާސް އެސޯސިއޭޝަނުން އެފަދަ ސިޓީއެއް ފޮނުވާފައި ވަނީ ޣައިރު ގާނޫނީ ހަޅުތާލު ކުރާ ނަމަ ޓީޗަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން އެ ޖަމްއިއްޔާ އަށް އަންގާފައި ވަނިކޮށެވެ.

ލޭބާ ލިރޭޝަން އޮތޯރިޓީން އެ އެސޯސިއޭޝަނަށް ފޮނުވި ސިޓީގައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ކުރުމަށް ރާވާފައިވާ ހަޅުތާލަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވޭ ސުލްހަވެރި ހަޅުތާލެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ހަޅުތާލައެއް ކުރާނަމަ އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ސިޓީން ވަނީ ޓީޗާސް އެސޯސިއޭޝަނަށް އަންގާފަ އެވެ.