20 Jan 2011, 13:24
ރާއްޖޭގެ އިންޝިއުރަންސް ވިޔަފާރި ކުރުމުގެ ހުއްދަ ނެތް ބައެއް ކުންފުނިތަކުގެ އޭޖެންޓުން މެދުވެރިކޮށް ރާއްޖޭގައި އިންޝުއުރެންސް ޕޮލިސީ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ސާމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ]އެމްއެމްއޭ[ އިލްތިމާސް ކޮށްފި އެވެ.
އެމްއެމްއޭ އިން މިދިޔަ ހަފުތާގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބޭރުގެ ބައެއް އިންޝުއުރަންސް ކުންފުނިތަކުގެ އޭޖެންޓުންގެ ނަމުގައި ސައްހަ ނޫން އޭޖެންޓުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަން އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އިންޝުއަރެންސަކީ ސީދާ އިންޝުއުރަންސް ހިދުމަތް ހޯދާ ފަރާތާއި އިންޝުއަރެންސް ކުންފުންޏާ ދެމެދު ހެދޭ ކޮންޓްރެކްޓެއްގެ ދަށުން ކުރެވޭ ވިޔަފާރިއަކަށްވުމާ އެކު ދެފަރާތުގެ ދެމެދުގައި ހަރަކާތްތެރުވާ އެޖެންޓަކީ ސައްހަ އޭޖެންޓަކަށް ވާން ޖެހޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އަދި ސައްހަ ނޫން އޭޖެންޓުން އިންޝުއުރަންސް ޕޮލިސީ ވިއްކުން ފަދަ ވަގުވިޔަފާރި ކުރުމަކީ މިސަރަހައްދުގެ ބައެއް ޤައުމުތަކުގައި ވަރަށް އާންމުކަމެއް ކަމަށާއި ސައްހަ ނޫން އޭޖެންޑުގެ މަގުސަދަކީ މަޝްހޫރު އިންޝުއުރަންސް ކުންފުނިތަކުގެ ނަން ބޭނުން ކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައި އެއްވެސް އަސްލެއް ނެތް އިންޝުއުރަންސް ޕޮލިސީތަކެއް ވިއްކައި އެއަށް ޕްރިމިއަމް ނެގުމަށް ފަހު އެ ފައިސާ ހިފައިގެން ރާއްޖެ އިން ބޭރަށް ފުރައިގެން ދިއުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އާންމުގެ ސަމާލުކަން މިކަމަށް އިތުރު ކުރުމުގެ ގޮތުން ރާއްޖޭގައި އިންޝުއުރެންސް ކުރުމުގެ ހުއްދަ ދީފައިވާ ހަތަރު ކުންފުންޏަކާއި އިންޝުއުރެންސް ބްރޯކަރިން ހުއްދަ ދީފައިވާ ދެ ކުންފުންޏަކާއި އިންޝުއުރެންސް އޭޖެންޓުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަދީފައިވާ ހަތް ފަރާތެއްގެ ނަން އެމްއެމްއޭ އިން ގެޒެޓުގައި އިއިލާނު ކޮށްފައިވެ އެވެ.
އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ހުއްދަދީފައިވާ ތިން ކުންފުންޏަކީ އެލައިޑް އިންޝުއުރަންސާއި ސިރީލަންކާ އިންޝުއުރަންސް ކޯޕްރޭޝަން ލިމިޓެޑާއި ސިލީކޯން އިންޝުއުރަންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްވެ.
ބްރޯކަރިން ކުންފުނިތަކަކީ، އިންސިއުލާ އިންޝުއުރަންސް ބްރޯކާސް ޕްރައިވެޓް ލިމިޓެޑާއި އެކޯޑް ބިޒްނަސް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އިންޝުއަރެންސް އޭޖުންޓަކީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއި ގްލޯ ލައިން ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް އިންޝުއަރެންސް އެޖެންޓު (މޯލްޑިވިސް) ޕްރައިވެޓް ލިމިޓެޑާއި އެސްއެސްއެސް އިންޝުއުރެންސް އެޖެންޓްސް ބްރޯކިންގެ އެންޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި މޫސާ ނަސީމް/ ނޫވިލާގެ ލ. ގަމާއި އަބްދުﷲ ރިފާއު، މ. ވޭވިންގް ލައިޓް އާއި ރިފާއަތު ޖަލީލް، މއ. ރަންގިލި ކަމަށް އެމްއެމްއޭއިން ބުނެ އެވެ.