20 Jan 2011, 13:07
ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މުޅި ރާއްޖެ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓަށް ރޭ ފަނޑިޔާރުން ނެގުމުގައި ބޭއްވި ޖަލްސާ އަށް ވަޑައިނުގަންނަވައި މިއަދު ވެލެޒިނީ ޖޭއެސްސީގެ މެންބަރުންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޖޭއެސްސީން ހައި ކޯޓަށް ފަނޑިޔާރުން ނެންގެވުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި ވެލެޒިނީ ވަނީ އެ ސިޓީގައި ކޮމިޝަނުގެ މެންބަރުންނާ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ.
"ކުރިއަށް އޮތް 30-40 އަހަރަށް އިންޓަގްރިޓީ ހުރިއެއް ނެތެއް ބެލުމެއް ނެތި ފަނޑިޔާރު ކަމުގެ މަގާމު ދިނުމަކީ ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ކަމެއްތޯ އެވެ؟،" ވެލެޒިނީގެ ސިޓީގައި ސުވާލު ކުރައްވާފައިވެ އެވެ. "މިނިވަންކަމާއި އަދުލުވެރިކަމާ އެކު އެކި ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ ޝަރީއަތް ކުރުމުގެ މިނިވަންކަން އެމީހެއްގެ ކިބައިގައި ހުރިކަމާ މެދު ޝައްކު ހުރި މީހުން ފަނޑިޔާރުންގެ ގޮތުގައި ބޭތިއްބުމަކީ ފަނޑިޔާރު ގޭގެ ހުރުމަތް ކެނޑި ފަނޑިޔާރުންގެ މައްޗަށް އިތުބާރު ކެނޑި އަދުލްއިންސާފަށް ހުރަސް އެޅި ދައުލަތުގެ ބާރު ކެނޑިގެންދާނޭ ކަމެއް ނޫންތޯ އެވެ؟"
އެ ސިޓީގައި ވެލެޒިނީ ވިދާޅުވެފައި ވަނީ ޖޭއެސްސީގެ މެންބަރުންނަކީ މުސްތަގިއްލުކަމާ އެކު ގާނޫނު އަސާސީ ނެގެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ބައެއް ކަމަށެވެ. ނަމަވެސް އެ ޒިންމާ ނުނެންގެވުމުން ނަތީޖާއަކަށް ވަނީ ރައްޔިތުންނަށް އިތުރު ނާމާންކަމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހުން ކަމަށް ވެސް ވެލެޒިނީ ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ގަދަ ބަޔަކާ ގުޅިގެން ޖޭއެސްސީން ގާނޫނު ހަދާ މަޖިލީހާއި އަދުލްއިންސާފު ގާއިމް ކުރާ ފަރާތްތަކާ ގުޅުވާލާފައިވާ ކަމަށް ވެސް ވެލެޒިނީގެ ސިޓީގައި ތުހުމަތު ކުރައްވާފައިވެ އެވެ. އަދި ސިޓީ ނިންމަވާލައްވަމުން ޖޭއެސްސީގެ މެންބަރުންނަށް އޭނާ ގޮވައިލައްވައިފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން ފޭލްވެއްޖެ ކަމަށް ގަބޫލުކޮށް ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ.
ވެލެޒިނީ މިއަދު ވިދާޅުވީ ޖޭއެސްސީ ހިންގަމުންދަނީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ނިވާފަތްގަނޑަކަށް ހަދައިގެން ކޮމިޝަނުން އެ ކަންތައްތައް ކުރިއަށް ގެންދާތީ އޭނާ ހުންނެވީ ހަނގުރާމައެއްގައި ކަމަށެވެ.
ވެލެޒިނީ ވިދާޅުވީ ކަންތައް އެގޮތަށް ހުރުމުން މިހާރު އޭނާގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަށް އަދާ ކުރެވޭނެ ކަމަށް ފެންނަނީ ކޮމިޝަނުން ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވެ ކޮމިޝަނުން ކުރާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ދިނުން ކަމަށެވެ. އަދި ފަނޑިޔާރުން ހޮވުމަށް ބޭއްވި ޖަލްސާއަށް ވެސް ވަޑައިނުގެންނެވީ އެހެންވެ ކަމަށް ވެލެޒިނީ ވިދާޅުވި އެވެ.
ހައި ކޯޓްގެ ފަނޑިޔާރުންގެ ބެންޗަށް ނަގާފައި ޑރ. އަޒުމިރަލްދާ ޒާހިރަކީ އިނގިރޭސި ވިލާތުން ޕީއެޗުޑީ ހާސިލުކުރައްވާފައިވާ ބޭފުޅެވެ. އަލީ ސަމީރަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީ އިން މާސްޓާސް ނަންގަވާފައިވާ ބޭފުޅެކެވެ. އަބްދުއްރައޫފު އިބްރާހީމަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އައްބާސް ޝަރީފަކީ އޮސްޓްރޭލިއާ އިން ފުރަތަމަ ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަދި ޝުހައިބު ހުސައިން ޒަކަރިއްޔާ އަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީން މާސްޓާސް ނަންގަވާފައިވާ ބޭފުޅެކެވެ.
އެ ފަސް ބޭފުޅުންގެ ތެރެއިން ޑރ. އަޒުމިރަލްދާ ފިޔަވައި އަނެއް ހަތަރު ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނުމަށް ފާސްވީ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް ނުވަ ބޭފުޅުންގެ އިއްތިފާގުންނެވެ. ޑރ. އަޒުމިރަލްދާ އަށް ލިބިވަޑައިގަތީ އަށް ވޯޓެވެ.